ހަވާނާ (އޮގަސްޓް 15) : ކިޔުބާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އެގައުމުގެ ވެރިރަށް ހަވާނާއަށް ވަޑައިގެން ހަވާނާގައިވާ އެމެރިކާގެ އެންބަސީގައި އެމެރިކާގެ ދިދަ ނަންގަވައި ދެއްވައިފި އެވެ.

މިއީ ފާއިތުވި 54 އަހަރު ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ކިޔުބާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ކިޔުބާއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ހަތުރުވެރިކަމާއި އަދާވާތްތެރިކަމުން އެއްގައުމަކަށް ވެސް އެއްވެސް ކަމެއް ޙާސިލް ވެފައިނުވާކަމަށާ މިއީ ދެގައުމުގެ ރައްޔިތުންނަށް ގެއްލިގެންދިޔަ އަހަރުތަކެއްކަމަށް ވިދާޅުވެ ކިޔުބާއާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރުމަށް ނިންމެވިކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ކިޔުބާގެ ރައީސް ރައުލް ކާސްޓްރޯ އިއުލާންކުރެއްވީ މިދޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެއަށް ފަހު މިއަހަރުގެ ކުރީކޮޅު ދެގައުމުގެ ރައީސުންވަނީ ޕެނަމާގައި ބައްދަލުކުރައްވާފަ އެވެ. އަދި އެންމެފަހުން މިދޔަ ޖުލައި 20ގައި ދެ ގައުމުގައި ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށް ކޮންމެ ގައުމެއްގައި ވެސް އަނެއް ގައުމުގެ އެމްބަސީ އެއް ހުޅުވާފަ އެވެ. ދިދަ ނެގުމަށް ހަވާނާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެރީވަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާގެ މަސްއޫލުވެރިން ދައްކަވާ ސިޔާސީ ވާހަކަތައް އަލުން ތަކުރާރުކުރައްވައި ޑިމޮކްރަސީ ގާއިމް ކުރުމަށް ކިޔުބާއަށް ގޮވާލައްވާފަ އެވެ.

ކިޔުބާއިން ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީ ގާއިމްކޮށްފި ނަމަ ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް ކެރީ ވިދާޅުވި އެވެ. އަދި ކިޔުބާއާމެދު އެމެރިކާ ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ފޭލްވެ އެ ސިޔާސަތުތައް ބަދަލުކުރަންޖެހުމުގެ މާނައަކީ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީ ފަތުރަން އެމެރިކާކުރާ މަސައްކަތް ހުއްޓާލުން ނޫންކަމަށް ވެސް ކެރީ ވިދާޅުވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކިޔުބާގެ ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ޑިމޮކްރަސީއެއް ގާއިމްކޮށްގެން ކަމަށާ ކިޔުބާގެ އިގްތިސާދު ރަނގަނޅުވެ އަދ އިޖުތިމާއީ އަދާލަތު ގާއިމް ކުރެވޭނީ ވެސް ޑިމޮކްރަސީ ގާއިމްކޮށްގެން ކަމަށް ވިދާޅުވެ ކެރީ އެމެރިކާގެ ފިކުރީ ޕްރޮޕަގެންޑާތައް ފެތުރުމަށް މަސައްކަތް ކުރެއްވި އެވެ.

ކިޔުބާގައި ޑިކޮމްރަސީ ގާއިމްކުރުމުގެ ނަމުގައި މަސައްކަތްކުރާ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ކިޔުބާއާ ދެކޮޅަށް އެމެރިކާގެންގުޅުނު ހަރުކަށި ސިޔާސަތަކުން ޑިމޮކްރަސީ ވެސް އަދި އިންސާނީ ހައްގުތައް ވެސް ހާސިލްނުކުރެވި އެމެރިކާގެ މަދަދުލިބޭ ކިޔުބާގެ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އައުމުގެ ފުރްސަތު ވެސް ނުލިބޭގޮތަށް އެމެރިކާގެ ސިޔާސަތު ބަދަލުކުރުމުން ހިތްހަމަނުޖެހިފަ އެވެ. ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީ ބައެއް ގައުމުތަކަށް އައިނަމަވެސް އެގައުމުތަކުގައި ގުޑްގަވަނެންސް ގާއިމް ކުރެވިފައެއް ނުވެއެވެ. އޭގެބަދަލުގައި ޑިމޮކްރަސީ އޮވެގެން ވެސް ގިނަ ގައުމުތަކުގައި ވަނީ ކޮރަޕްޝަން އިތުރަށް ވަރުގަދަވެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ގޯސްވެގެން ގޮސްފަ އެވެ.

އިރާގާއި ލީބިޔާ އާއި ތޫނިސްއާއި އަފްޣާނިސްތާން ފަދަ ގައުމުތަކުން ދަނީ މިކަމުގެ މިސާލުތައް ފެންނަމުންނެވެ. އެހެންކަމުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުުން ހިންގާ ޕްރޮޕަގެންޑާއާއި ފިކުރީ ހަނގުރާމައަށް އެގައުމުތަކުގެ ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި ކިޔުބާގެ ޚާރިޖީ ވަޒީރާއި ކިޔުބާގެ ރައީސް އާ ވަނީ ބައްދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)