15 Aug 2015, 09:34
ދެތިން މަހުގެ މެދުކެނޑުމަކަށް ފަހު، ނުގަވައިދުން ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.
ފުލުހުން އެއްގަމު އުޅަނދު ފަހަރުގައި ސްޓިކާ ޖެހުން މެދުކަނޑާލީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށައެޅި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހު ފާސްކޮށް އެބިލް ތަސްދީގް ކުރުމާ އެކު އޭގެ ކުރިން ޖަހާފައިވާ ސްޓިކާގެ ޖޫރިމަނާ މައާފުވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގް ކުރެއްވުމާ އެކު ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ފުލުހުން ވަނީ ސްޓިކާ ޖަހަން ފަށާފައި ކަމަށް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސުޖާއު ވިދާޅުވި އެވެ.
"މިހާރު ފިޔަވަޅު އަޅަމުންދާނީ. ސުޓިކާ ޖަހަމުންދާނީ މިހާރު، ބިލްފާސްކުރީމާ ފިޔަވަޅުއެޅުމަށް އެއްވެސް ތަފާތެއް އައިސްފައެއް ނެތް. ވާހަކައަކީ ކުރީގައި ފިޔަވަޅުއެޅުން މާފުވިޔަސް، [މިހާރު ކުރިއެކޭ އެއްގޮތަށް ފިޔަވަޅު] އަޅަމުންދާނެ." ސުޖާއު ވިދާޅުވި އެވެ.
ކުރިން ކޮށްފައިވާ ސުޓިކާ ޖޫރިމަނާތައް މައާފުވި ނަމަވެސް ދެން ޖަހާ ސުޓިކާތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ގާނޫނު ބުނެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.
ކުރިން ފުލުހުން ހިފަހައްޓާފައިވާ ލައިސަންސްތައް އަދި ދޫކުރާކަށް ނުފައްޓަ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމަށް ވާން ޖެހޭ ތައްޔާރީތައް ފުލުހުން ވަމުން އަންނަ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށް ޓަކައި މިނިސްޓްރީ އިން ނުވަތަ މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން ޕާކް ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދުކެނޑުމެއް ނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެފަދަ އުޅަނދެއް އެތަނަކުން އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އެ އުޅަނދެއް ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.
އެ އުޅަނދެއް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފެންނާނެ ގޮތަށް އާންމު ކުރަން ޖެހެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި އުޅަނދެއް ނުގެންގޮސްފި ނަމަ އެ އުޅަނދެއް ނައްތާލުން ނުވަތަ އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އުޅަނދު ވިއްކާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.