ބާސެލޯނާގެ މައްޗަށް 4-0ގެ ނަތީޖައަކުން ކާމިޔާބު ހޯދައި އެތުލެޓިކް ބިލްބާއޯ އިން ސްޕެނިޝް ސްޕަކަޕްގެ އުންމީދު އާކޮށްފި އެެވެ.

އަމިއްލަ ދަނޑު ސެން މަމޭސް ބަރިއާގައި ކުޅުނު ފުރަތަމަ ލެގްމެޗްގައި ބިލްބޯއޯ އިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ އަރީޓްޒް އަޑްރީޒް އެވެ.

ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަންއަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ބިލްބޯއެގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މައިކަލް ސެން ޖޯސް އެވެ.

މެޗްގެ 11 ވަނަ މިނެޓްގައި ބިލްބޯއޯ އިން ފޮނުވާލި ބޯޅަ ދިފައުކުރުމަށް ޕެނަލްޓީ އޭރިއާ އިން ބޭރަށް ނިކުމެ ޓާސްޓެގަން ބޮލުން ފޮނުވަލި ބޯޅަ ދިޔައީ ސެންޓާ ސާކަލް އޭރިއާގައި ސެން ޖޮސްގެ ފަޔަށެވެ.

ސެން ޖޯސްވަނީ ސެންޓާ ސާކަލް އޭރިއާ ތެރޭގައި ހުރެފައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ބާރު ސްޕީޑެއްގައި ހުހަށް އޮތް ބާސާގެ ގޯލް ތެރެއަށް ފޮނުވާލަފަ އެވެ.

އަރީޓްޒް ބިލްބޯއޯގެ ދެ ވަނަ ލަނޑު ކަމިޔާބުކުރީ މެޗްގެ 53 ވަނަ މިނެޓްގައި ސާބިން މެރީނޯ ހުރަސްކުރި ބޯޅަ ބޮލުން ބާސާގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން އަރީޓްޒް ވަނީ ބިލްބޯގެ ތިން ވަނަ ލަނޑު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗްގެ 68 ވަނަ މިނެޓްގައި ބިލްބޯއާގެ ހަތަރު ވަނަ ލަނޑު އަރީޓްޒް ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ޑެނީ އަލްވޭސް ބިލްބޯއާގެ ސާބިއޭ އެޓްސިޓާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގަ އެވެ.

ބާސާ އިން މެޗަށް ނިކުތީ މީގެ ދެ ދުވަސް ކުރިން ކުޅުނު ޔޫއެފްއާ ސްޕަކަޕް ކާމިޔާބު ކުރި ޓީމްގައި ހިމެނުނު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ.

މިހާތަނަށް ކުޅުނު ދެ މެޗްގައި ވެސް ބާސާގެ ޑިފެންސް ލައިނުން ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ދެ މެޗް ކުޅުނު އިރު އެ ޓީމް ގޯލަށް މިހާތަނަށް ވަނީ އަށް ގޯލް ވެދެފަ އެވެ.

މި ދެ ޓީމް ކުޅޭ ދެ ވަނަ ލެގް މެޗް އޮންނާނީ މިއަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:45 ގަ އެވެ.

މިމެޗް ކުޅޭނީ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގަ އެވެ.