ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާން މަރާމާތަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިފި އެވެ.

މަރާމާތަށް ފަހު ފެން އަރުވާ ވަޑާން އަލުން ހުޅުވާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު "ސަން" އަށް ވިދާޅުވީ ފެން އަރުވާވަޑާން އަލުން ހުޅުވީ ބައެއް މަރާމާތަށް ފަހު ކަމަށެވެ.

"އެތަން [ފެން އަރުވާ ވަޑާން] އަޅުގަނޑުމެން ބަންދު ކުރީ ބައެއް ކުދިން އެތަނަށް ވަދެ މަޖާކޮށް ސަކަރާތްޖެހި އިރު ފެން އަރުވާ ވަޑާމުގައި ބަހައްޓާފައި ހުރި މޮނިއުމަންޓު ހުންނަ ބައިގެ ބައެއް ނަރުތައް ދަމާ ހެދުމުން ބައެއް ލައިޓްތައް ހަލާކުވުމާ ގުޅިގެން. އެހެންނަމަވެސް މިހާރު އެހުރިހާ މަރާމާތެއް އަލުން ކުރުމަށް ފަހު އެތަން މި ހުޅުވީ،" ހަލީމް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ފެން އަރުވާ ވަޑާމު އެތެރޭގައި ބަހައްޓާފައި ހުރި މޮނިއުމަންޓް ބަޔަށް ކުޑަކުދިން އެރޭތީ މިހާރު އެބައިގައި ވަނީ ރެއިލިންގްއެއް ޖަހައިފަ އެވެ.

އެމްޓީސީސީ އިން ހަދާފައިވާ ފެން އަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު އެ ފެންއަރުވާ ވަޑާމެކެވެ. އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭ ބިނާއެކެވެ. އެ ފެން އަރުވާ ވަޑާން ފަރުމާކޮށްފައި ވަނީ ފެނުން ތެމިލައި އޭގެ ތެރޭގައި ކުޅެ ހެދުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އަދި މީހުންނަށް އިށީނދެ ތިބެވޭގޮތަށެވެ.