ހުޅުމާލެ ޔޫތު ސިޓީގައި ރޭ ހުޅުވިގެން ދިޔަ ސެންޓުރަލް ޕާކުގައި ކޮންވެންޝަން ސެންޓަރެއް ގާއިމު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.

ހުޅުމާލެ ބާބަކިއު އޭރިޔާ ރަސްމީކޮށް ހުޅުވުމަށްފަހު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ ސެންޓުރަލް ޕާކު ތަރައްގީ ކުރެވިގެން ދާނީ އާންމުންނަށް ހިތްގައިމު ތަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ޕާކުގައި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން އިސްލާމިކު ސެންޓަރެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"އޭގެއިތުރުން ވެސް ސަރުކާރުގެ މުހިއްމު ދެތިން އިމާރާތެއް ވެސް މި ތަނުގައި ގާއިމު ކުރެވިގެން ދާނެ،" ސައިމަން ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސައިމަން ވިދާޅުވީ "ޕާކު އެއްކޮށް" ނުނިމެނީސް އެތަން ހުޅުވީ އެތަނުގެ ބޭނުން އާންމުންނަށް ހިފުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ދެން އެތަން އަޅުގަނޑުމެން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވުން އަންނައިރު އެތަނުގައި ސުކޭޓު ކުރެވޭނެ ގޮތަށާއި އެކި އެކި ޒުވާނުންނަށް ސުޕޯޓްސް އެކްޓިވިޓީސް ތަކުގައި ހަރަކާތްތެރިވެވޭނެ ގޮތްތައް ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން އެޗްޑީސީގެ ވެސް ޕުލޭނުގައި އޮތް ކަމެއް. އެގޮތުން ސެންޓުރަލް ޕާކު އެތެރޭގައި ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ހެދިފައި ހުރި އޭރިއާތަކުގެ ބޭނުން ޒުވާނުންނަށް ހިފޭނެ،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތާނގައި ޕާކުގައި ފެން އަރުވާ ވަޑާން ފަދަ ތަންތަން ވެސް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ. އަދި އެތަނުގެ ލޭންޑު ސުކޭޕު މިހާރުވެސް ނިމިފައިވާކަން ފާހަގަ ކުރައްވާ ސައިމަން ވިދާޅުވީ ސެންޓުރަލް ޕާކަކީ ވެސް ތިމާވެއްޓާ ރަށްޓެހި ފެހި ތަނަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

ސެންޓުރަލް ޕާކުގެ ރަސްމީކޮށް ރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ބާރު ދުވުންތެރިޔާ ޙަސަން ސާއިދެވެ.

ހުޅުމާލެ ޔޫތު ސިޓީ ސެންޓުރަލް ޕާކު ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަށް ހެކްޓަރުގެ ބޮޑު މިނުގެ ސެންޓްރަލް ޕާކް ރޭ ހުޅުވިގެން ދިޔައީ ހަވާއެރުވުމާއި އަލިފާނުގެ ކުޅިވަރުތަކާއެކު އެވެ. އަދި ކުޑަކުދީންތަކެއްގެ ސްކޭޓް ދުއްވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައެވެ.

ހުޅުމާލެ ސެންޓުރަލް ޕާކުގެ މަސައްކަތް އެޗްޑީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.