15 Aug 2015, 09:14
ނ. މާޅެންދޫ، މާފަރު އަދި އެއަތޮޅު ވެލިދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރު ވާނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. ލަންދޫގައި ރޭ ބޭއްވި އެމްޑީއޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާޅެންދޫ، މާފަރު އަދި އެ އަތޮޅު ވެލިދޫ ބަނދަރު ހެދުމަކީ މިސަރުކާރުން ކުރަން ނިންމި ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ.
އެގޮތުން އެކަމަށް ޓަކައި ބޭރުގެ ފަންޑިން އޭޖެންސީއެއް ކަމަށްވާ އައިޑީބީގެ ލޯނު ހަމަޖައްސައި މިހާރު ސޮއިކޮށް ނިމިފައިވާ އިރު، އެކަމަށް ބޭނުންވާ ފައިސާގެ ހުރިހާ ކަމެއްވަނީ ހަމަޖެހިފައި ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަން ފަށަން ބޭނުންވިހާ އަވަހަސް އެކަން ފެށިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން މިކަން ފަށަން ބޭނުންވި ދުވަސް މާކުރިން ހިނގައްޖެ. އަޅުގަނޑު ވެލިދުއަށް ގޮސް ދެންނެވިން ތާރީޚް، މިހާރު އެވެސް އެތައް ދުވަހެއް ފަހަތަށް ހިނގައްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ބޭރުގެ ފަންޑިން އެޖެންސީތަކުން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްވުމަށް މެދުވެރިވަނީ، އެ އޭޖެންސީތަކުން ފުރިހަމަކުރާން ޖެހޭ ވަރަށް ގިނަ މަރުހަލާތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑުމެން ދިޔައީ މަސައްކަތްކުރަމުން އޭގައި ކޮންމެ މަރުހަލާއަކަށް ވެސް ނަގާ ވަގުތުތައް ކުރުކުރެވޭތޯ. އެހެން ނަމަވެސް އެބޭފުޅުންގެ ހުންނަ ޕްރޮސީޖާތައް އެބޭފުޅުން ވެސް ގެންދަނީ އެބޭފުޅުންގެ ހުންނަ އޮޑިޓް ކަންތައްތަކަށް ފުރިހަމަކުރަމުން. އެހެންކަމުން މިއަދާ ހަމައަށް އައިއިރު އަމަލީ މަސައްކަތް އަދި ފެށުމާހަމައަށް މުޅިން ނުދިޔަ ނަމަވެސް އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ކަމެއް މި ތިން މަޝްރޫއު ފެށުމަށްޓަކައި މިހާރު ވަނީ ނިމިފައި،" ހައުސިން މިނިސްޓަރު މުއިއްޒު ރޭ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ތިން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާންނެ ފަރާތެއް ސަރުކާރުން ކަނޑައަޅައި، އިވެލުއޭޝަން ރިޕޯޓު މިހާރު އައިޑީބީއަށް ފޮނުވާފައި ވާކަމަށެވެ.
"ދެން އަޅުގަނޑުމެން މި އުންމީދުކުރަނީ މާ ލަސްތަކެއް ނުވެ، އަޅުގަނޑުމެން ފޮނުވި ރިޕޯޓް އެޕްރޫވްކުރައްވައި، ވަރަށް އަވަހަށް ހުއްދަ ދެއްވާނޭ ކަމަށް އެފަރާތާ އެކު ސޮއިކުރާން. އެހެންކަމުން އެ ސޮއި ކުރެވުނުހާ އަވަހަކަށް މި ތިންރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެންދާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ. "އާދެ އަޅުގަނޑު ޔަގީންކަންދެން، މިހާރު މި ގޮސްފައި އޮތް ހިސާބުން މިއަހަރުގެ ތެރޭގައި މި ތިން ރަށުގެ ބަނދަރުގެ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑަށް ބޮޑަށް ހީވަނީވެސް މާގިނަ ދުވަހެއް ނުވާނޭހެން. ސެޕްޓެމްބަރު މަހުގެ ތެރޭގައި، ގިނަވެގެން މަހެއްހާ ދުވަހުގެ ތެރޭގައި ސޮއިކުރެވި މަސައްކަތް ފެށޭނެ."
ހައުސިން މިނިސްޓަރު ވިދާޅުވީ، ނ. އަތޮޅުގެ އެ ތިންރަށުގެ އިތުރުން ވެސް، ބަނދަރު ހަދާފައި އެހެން ނަމަވެސް ބަނދަރު ބޭނުންކުރުމަށް ދަތިވާ މައްސަލަތައް ވެސް ފާހަގަކުރެވިފައި އެބަ ހުރި ކަމަށެވެ. އެގޮތުން ފަޅުތެރެ ތިލަވުން ނުވަތަ ނެރުތެރެ ތިލަވުން ފަދަ މައްސަލަތައް ފާހަގަކުރެވިފައި އެބަ ހުރިކަމަށް އޭނާ ވިދާޅުވިއެ އެވެ.
ބަނދަރުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވާރކްސްގެ ޓީމެއް މިހާރު ވެސް އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްދެރި ވަމުން ދާކަމަށާއި އެގޮތުން ހއ. އާއި ށ. އަތޮޅުގެ ބައެއް ރަށްތަކުގެ ބަނދަރުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފަހު ވަރަށް އަވަހަށް އެޓީމު ނ. އަތޮޅަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަތޮޅުން އަޅުގަނޑުމެން މިހާރު ނިންމާފައި އޮންނާނީ އެޓީމު އެންމެ ފުރަތަމަ އަންނާނީ މިރަށަށް ކަމަށް،" ލަންދޫގެ ބަނދަރަށާއި އެ ރަށަށް ކުރިމަތިވެފައިވާ އެހެނިހެން ބައެއް މައްސަލަތައްވެސް ހައްލުކުރުމަށް ވަރަށް އަވަހަށް ޕަބްލިކް ވޯކްސްގެ ޓީމެއް އެރަށަށް ޒިޔާތްކުރާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިކަމުގައި މަސައްކަތްކުރާ ގޮތަކީ އަޅުގަނޑުމެންގެ ޓީމު އައުމުން އެޓީމުން ބޭނުންކުރާ މެޝިނަރީޒް ބޭނުންކޮށްގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ރަށުގައި ކުރުން."
މިނިސްޓަރު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވާކްސްގެ ޓީމު ރަށްރަށަށް ސާވޭކުރުމަށް ޒިޔާރާތްކުރުމުން އެރަށެއްގެ ކައުންސިލް މެންބަރުން އެޓީމާ މަޝްވަރާކޮށްގެން ރަށުގައި އެޓީމުގެ މެޝިނަރީޒް ބޭނުންކޮށްގެން ކުރެވިދާނޭ ހުރިހާކަމެއް ވެސް ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.