15 Aug 2015, 01:58
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް މެމްބަރުން އިތުކުރުމަށްޓަކައި އެ ޕާޓީގެ ޒުވާނުންގެ މަޖިލީހުން މާލޭގައި ޑޯ-ޓު-ޑޯ ކެންޕޭނެއް ފަށައިފި އެވެ.
އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ، ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި މިއަދު ފެށި ޑޯ-ޓު-ޑޯ ކެންޕޭންގައި ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޒުވާނުންގެ މަޖިލީހުގެ އަމާޒަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބޭ ޕާޓީއަށް އެމްޑީއޭ ހެދުން ކަމަށެވެ.
މިއަދު މެންދުރުފަހު 3:00 އިން ފެށި ޑޯ-ޓި-ޑޯ ގައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެތަކެއް ޒުވާނުން އެ ޕާޓީއަށް ސޮއިކުރުމުން ދޭހަކޮށްދެނީ އެމްޑީއޭ އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއްކަން ކަމުގައި ރީހާން ވިދާޅުވިއެވެ.
"މީގެއިން ދޭހަކޮށްދެނީ އެމްޑީއޭ އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޒުވާނުން ލޯބިވާ ޕާޓީއެއްކަން. އަދި މިއަދު ފެނިގެން މިދިޔައީ އެމްޑީއޭގެ ލީޑަރުގެ ސިޔާސަތުތަކާ އެމްޑީއޭގެ ލީޑަރު ޒުވާނުންނަށް ދޭ އަންމިއްޔަތު ކަމާއި، ޒުވާނުންނާ ދޭތެރޭ ބަހައްޓާ އޯގާތެރިކަމާއި ކުލުނާއި ލޯބި މިއަދުގެ ޒުވާނުން ބަލައިގަންނަ ކަމުގެ ލާމަސީލު ހެއްކެއް،" ރީހާން ވިދާޅުވިއެވެ.

އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ކެމްޕޭންގެ ތެރެއިން -- ފޮޓޯ: އެމްޑީއޭ
އޭނާ ވިދާޅުވިގޮތުގައި އެޕާޓީގެ ޒުވާނުންގެ މަޖިލީހުން ހިންގާ ހަރަކާތް ވެގެންދާނީ އެމްޑީއޭގެ އިތުރުން ދިވެހި ގާއުމާއި ސަރުކާރަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަކަށެވެ.
"އެމްޑީއޭ އަކީ ފެށުނީއްސުރެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ޕާޓީ،" ރީހާން ވިދާޅުވިއެވެ.
އެޕާޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނާ ގުޅޭ އެކި ކަހަލަ ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށާއި އެމްޑީއޭގެ އަމާޒަކީ މުޖުތަމައު ބަލައިގަންނަ ހަރުދަނާ ޒުވާން ލީޑަރުންތަކެއް އުފެއްދުން ކަމަށް ވެސް ރީހާން ވިދާޅުވިއެވެ.
"މާދަމާ ވެސް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެމްޑީއޭ އަށް ގުޅޭނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު އަރުވަން. ތިޔައީ ލީޑަރޭ އަދު ލޮބުވެތިވި ޒުވާނުން އަދު ފަޚުރުވެރިވާ،" ރީހާން ވިދާޅުވިއެވެ.