ނ. އަތޮޅު ހުސްނޫނެއްގެ ގޮތުގައި ބާއްވަން އެމްޑީއޭ އިން ބޭނުންނުވާ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ނ. ލަންދޫގައި ކުރީ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، ކޮންމެ މީހެއްގެ ފިކުރަކީ ވެސް ތަރައްގީ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ނ. އަތޮޅަށް އުޖާލާ ތަރައްގީއެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފިކުރަކީ ވެސް ތިޔަބޭފުޅުންގެ ފިކުރަކީ ވެސް ކޮންމެ ދުވަސްވީ ބޭފުޅެއްގެ ފިކުރަކީ ވެސް ކޮންމެ އަންހެން ބޭފުޅެއްގެ ފިކުރަކީ ވެސް ކޮންމެ ޒުވާނެއްގެ ފިކުރަކީ ވެސް އަދި ކޮންމެ ކުޑަކުއްޖެއްގެ ފިކުރަކީ ވެސް ރަށުގެ ތަރައްގީ. ﷲގެ އިރާދަފުޅާ އެކު ނ. ލަންދޫ އާއި މުޅި ނ. އަތޮޅު މި ފަސް އަހަރުގެ ތެރޭގައި އުޖާލާ ތަރައްގީއެއް ވެގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑުއަރުވަން،" މައުރޫފް ވިދާޅުވި އެވެ.

ލަންދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަރުދަމާގެ މައްސަލަ ކަމަށާއި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއަތޮޅުގެ ހެނބަދޫގައި ވެސް ނަރުދަމާގެ ނިޒާމް މި ސަރުކާރުން ގާއިމް ކޮށްދޭނެ ކަމަށެވެ. ހަމައެހެންމެ މާފަރުގެ އެއާޕޯޓު ހަދައި، މަނަދޫގެ މަގުތައް ވެސް ހަދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އެހެނިހެން ކަންތައްތައް ވެސް ކުރާނަން. ހަމައެހެންމެ އަޅުގަނޑުމެން އިސްތިސްނާއެއް ނުކުރާނަން ވެލިދޫގެ ސަރަހައްދާއި ހޮޅުދޫ ދާއިރާ،" މައުރޫފް ވިދާޅުވި އެވެ.

އަތޮޅެއް ތަރައްގީވާނީ ޒުވާނުން އުފެދިގެން ކަމަށާއި އެމްޑީއޭ އިން މިއަދާ ހަމައަށް ވެސް ކުރަމުން އަންނަ މަސައްކަތަކީ ޒުވަނުން ބިނާކުރުން ކަމުގައި މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރަކާ އެކުގައި ކަމަށާއި ސަބަބަކީ ކަންތައްތައް ކޮށްދެވޭނީ ސަރުކާރަށް ކަމުގައި ވާތީ ކަމަށެވެ.