ނ. ލަންދޫ ކައުންސިލްގެ ނައިބު ރައީސާއެކު ތިން ކައުސިލަރަކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކޮށްފި އެވެ.

ލަންދޫގައި މިރޭ އޮތް އެމްޑީއޭގެ ހާއްސަ ޖަލްސާގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ލަންދޫ ކައުންސިލްގެ ތިން މެންބަރުންނަކީ މީގެ ކުރީން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންގެ ގޮތުގައި ތިއްބެވި ލަންދޫ ކައުންސިލްގެ ނައިބު ރައީސް ނައުޝާދު އަބްދުއް ރަޙީމްއާއި، ކައުންސިލަރު އިބްރާހީމް ސައުދާއި، ކައުންސިލަރު މުއާވިޔަތު އަބްދުއް ރަހީމްއެވެ.

ނ. ލަންދޫ ކައުސިލްގެ ނައިބު ރައީސް އުޝާދު އަބްދުއް ރަޙީމް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ މެންބަރޝިޕް ފޯމް ހަވާލުކުރައްވަނީ -- ސަން ފޮޓޯ: އެމްޑީއޭ

އެމްޑީއޭގެ ފަރާތުން އެ ތިން ކައުންސިލަރުންގެ މެންބަޝިޕް ފޯމުތަކާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދުއެވެ.

ނ. ލަންދޫ ކައުސިލްގެ މެންބަރު އިބްރާހީމް ސައުދު އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ މެންބަރޝިޕް ފޯމް ހަވާލުކުރައްވަނީ -- ސަން ފޮޓޯ: އެމްޑީއޭ

ލަންދޫ ކައުންސިލްގެ ފަސް މެންބަރުންނާއެކު އެކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މީގެ ކުރީން އެމްޑީޕީއަށް އޮތް ނަމަވެސް މިރޭ އެ ތިން ކައުންސިލަރުން އެމްޑީއޭއާ ގުޅިވަޑައިގަތުމުން މިހާރު އެ ކައުންސިލްގެ އަޣުލަބިއްޔަތު އޮންނާނީ އެމްޑީއޭއަށެވެ. މިހާރު އެމްޑީޕީގެ މެންބަރުން ގެ ގޮތުގައި ލަންދޫ ކައުންސިލްގައި ތިއްބަވާނީ ކައުންސިލްގެ ރައީސް އާއި އިތުރު އެއް ކައުންސިލަރެވެ.

ނ. ލަންދޫ ކައުސިލްގެ މެންބަރު މުއާވިޔަތު އަބްދުއްރަހީމް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ މެންބަރޝިޕް ފޯމް ހަވާލުކުރައްވަނީ -- ސަން ފޮޓޯ: އެމްޑީއޭ

އެމްޑީއޭގެ ކައުންސިލް މެންބަރު މުޙައްމަދު އައްބާސް މިރޭ ސަންއަށް ވިދާޅުވީ، ލަންދޫ ކައުންސިލްގެ ތިން ކައުސިލަރުންގެ އިތުރުންވެސް އެރަށުގެ 50 އަށްވުރެ ގިނަ އާންމު މެންބަރުންވެސް އެ ޕާޓީއާ މިރޭ ގުޅިފައިވާ ކަމަށެވެ.

އެގޮތުން މިރޭ އެމްޑީއޭއަށް ސޮއިކުރި މެންބަރުންގެ ތެރޭގައި، މީގެ ކުރީން ލަންދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހަސަން ސައިފުވެސް އެމްޑީއޭއަށް ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. ލަންދޫގައި އެމްޑީޕީގެ "މޭގަނޑު"ގެ ގޮތުގައި ސިފަކުރާ ހަސަން ސައިފް އެމްޑީޕީން ވަކިވެ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ މެންބަރޝިޕް ފޯމް ހަވާލުކުރައްވަނީ -- ސަން ފޮޓޯ: އެމްޑީއޭ

"ކުރިއަށް އޮތްތާނގައި ލަންދޫން ވަރަށް ގިނަ މެންބަރުންތަކެއް އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގަންނަވާތަން ފެނިވަޑައިގަންނަވާނެ އިރާދަކުރެއްވިއްޔާ،" އައްބާސް ވިދާޅުވިއެވެ.