ރައްޔިތުން ވަކި ގޮތެއް ނިންމައި ލީޑަރަކު އިންތިހާބު ކުރުމުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިހާރުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ އަށް މިއަދު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް ރާޖަޕަކްސާ އާ ބެހޭ ގޮތުން ރައީސް ސިރިސޭނާ ކުރައްވާ ތުހުމަތުތަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި ރާޖަޕަކްސާ ވެސް ނިސްބަތްވާ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން އިންތިހާބު ކާމިޔާބުކޮށްފި ނަމަ ވެރިކަމާ ހަވާލުވާނީ ރާޖަޕަކްސާ ކަމަށް އޭނާ އިޝާރަތް ކުރެއްވި އެވެ.

ރައީސް ސިރިސޭނާ އާއި ކުރީގެ ރައީސް ރާޖަޕަކްސާ ނިސްބަތް ވަނީ އެއް ޕާޓީއަކަށެވެ. އަދި މިދިޔަ ޖެނުއަރީ މަހު 8 ވަނަ ދުވަހު އޮތް އިންތިހާބުގައި ވާދަ ކުރެއްވުމަށް ހެލްތު މިނިސްޓަރުގެ މަގާމުން ސިރިސޭނާ އިސްތިއުފާ ދެއްވައި ރާޖަޕަކްސާއާ ދެކޮޅަށް ނުކުންނަވަންދެން ދެ ބޭފުޅުންނަކީ ވެސް މިތުރުންނެވެ.

ރައީސް ސިރިސޭނާ އިއްޔެ ރާޖަޕަކްސާ އަށް ފޮނުއްވި ފަސް ސަފުހާގެ ސިޓީއެއްގައި ވިދާޅުވީ އިންތިހާބުން ޔޫޕީއެފްއޭ މެޖޯރިޓީ ހޯދިއަސް، ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ރާޖަޕަކްސަ އަށް ނުދެއްވާނެ ކަމަށެވެ. އަދި ސިރިސޭނާ ވަނީ އޭނާގެ ނަޒަރުގައި ބޮޑުވަޒީރުގެ މަގާމަށް ގެންނަން ފެންނަ ޕާޓީގެ ސީނިއާ ހަތް ބޭފުޅެއްގެ ނަން ވެސް ދެއްވައިފަ އެވެ.

"އަހަރެން ބާރުގެ ބޭނުންކޮށް ކޯލިޝަނެއް އުފައްދަން ޖެހުނަސް، [ރާޖަޕަކްސާ] އަށް ބޮޑުވަޒީރު ކަމަކަށް ނާދެވޭނެ،" ރައީސް ސިރިސޭނާ ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ރައީސް ސިރިސޭނާ

ރާޖަޕަކްސާ ވަނީ ރައީސް ސިރިސޭނާގެ އެ ވާހަކަ ފުޅަށް ހޫނު ބަހުން ރައްދު ދެއްވައިފަ އެވެ.

"މަނިކުފާނު އަޅުގަނޑާ ދޭތެރޭ ތިޔަ ކުރައްވާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް. މަނިކުފާނު ތިޔަ ގޮތަށް ވާހަކަ ދައްކަވަނީ ކަމާ ނުބެހޭ ބޭރުގެ ފަރާތްތަކުން ބާރުލިބިގެން،" ރާޖަޕަކްސާ ވިދާޅުވި އެވެ. "އަޅުގަނޑު ހިތުގެ އެންމެ އަޑިން ތިޔަކަމާ ދެކޮޅު ހަދަން،"

ރައީސް ސިރިސޭނާ ވަނީ ރާޖަޕަކްސާ އަށް އިތުރު ގޯނާއެއް ވެސް ކުރައްވައިފަ އެވެ. ޕާޓީގައި ތިބި ރާޖަޕަކްސާ އަށް ވަފާތެރި ދެ ބޭފުޅަކު ވަނީ އެ ބޭފުޅުން ތަމްސީލު ކުރައްވާ ޕާޓީގެ މަގާމުން ދުރުކޮށްފަ އެވެ.

ޔޫޕީއެފްއޭގެ ޖެނެރަލް ސެކްރެޓަރީ ސުސިލް ޕްރިޔަމަންތާ އާއި ސެކްރެޓަރީ އަނޫރާ ޔާޕާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އިންތިހާބުގެ ކެމްޕޭން ނިމެން ކައިރިވެފައި ވަނިކޮށް އެ ދެބޭފުޅުން ވަކި ކުރުމުން އަދި ރައީސް ސިރިސޭނާގެ ބުރާސްފަތި ދުވަހުގެ ސިޓީގެ ސަބަބުން އެ ޕާޓީ ވެރިކަމަށް އައުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރާޖަޕަކްސާގެ މަދަދުގާރުން ބުނެ އެވެ.

މައުލޫމާތު: ލަންކާގެ ނޫސްތައް