14 Aug 2015, 21:28
ހުޅުމާލެ ޔޫތު ސިޓީގައި ހަދާފައިވާ ސެންޓްރަލް ޕާކާއި ބާބަކިއު އޭރިއާ، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ، ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ބާރު ދުވުންތެރިޔާ ޙަސަން ސާއިދެވެ.
ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިއަދު ކުރިއަށް ގެންދާ ހަރަތްތަކުގެ ތޭރޭން ހުޅުމާލެ ޔޫތު ސިޓީގެ ސެންޓްރަލް ޕާކާއި ބާބަކިއު އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި، އެމްޓީސީސީގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމާއި، އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެޗްޑީސީގެ ޗެއާމަން މުހައްމަދު އަސީލްގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭ ބާބަކިއު އޭރިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަލީ ޝާމިން
އަށް ހެކްޓަރުގެ ބޮޑު މިނުގެ ސެންޓްރަލް ޕާކް ހުޅުވިގެން ދިޔައީ ހަވާއެރުވުމާއި އަލިފާނުގެ ކުޅިވަރުތަކާއެކު އެވެ. އަދި ކުޑަކުދީންތަކެއްގެ ސްކޭޓް ދުއްވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައެވެ.
އަލަށް ތައްޔާރުކޮށްފައިވާ ބާބަކިއު އޭރިޔާއާ ބެހޭގޮތުން އެޗްޑީސީން ބުނެފައި ވަނީ، އެ ސަރަހައްދުގައި މިހާރު ބާބަކިއު ހެދުމަށް 18 ޕިޓް ތައްޔާރުކޮށްފައި ވާއިރު އެތަނުގައި އެއްފަހަރާ 130 މީހުންނަށް ކެއިންބުއިމާއެކު ހިތްފަސޭހަކޮށްލަން ތިބެވޭނޭ ކަމަށެވެ.

ހުޅުމާލޭ ބާބަކިއު އޭރިއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާުގެ ތެރޭން -- ސަން ފޮޓޯ: އަލީ ޝާމިން
އެޗްޑީސީން ބުނީ، ހުޅުމާލެ ތަރައްގީކުރުމަށް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި، މިރޭ ހުޅުވިގެންދިޔަ ސެންޓްރަލް ޕާކް ސަރަހައްދުގައި ވަރަށް އަވަހަށް ކޮންވެންޝަން ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މުސްތަގުބަލުގައި އެ ތަނުގައި ހޮޓާތަކާއި ފިހާރަތައްވެސް ގާއިމުކުރެވިގެން ދާނޭ ކަމަށެވެ.