ރޭގެ ފަތިހުން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްރަށަށް ގަދަ ވަޔާއެކު ވިއްސާރަކޮށް، ގޯތި ގެދޮރަށް ލިބުނު ގެއްލުންތަކުގެ ބޮޑުބައެއް މަރާމަތުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު މަގުތަކަށް ވެއްޓިފައި ހުރި ރުއްގަސް ފަދަ ތަކެތި އެއްކޮށް ނަގައި ނިމިފައިވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ދިރިއުޅެން ދަތިވާވަރަށް ގޭގެއަށް ފެންވަނުން މަދުކުރުމަށް ވެލިބަސްތާތައް ޖެހުމާއި، ވައިގަދަވެ ބައެއް ގޭގޭގެ ފުރާޅު އެއްލާލައި އެފަދަ ގޭގޭގައި ތިބޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްދީ، ރަށްރަށުގެ އެކި ސަރަޙައްދު ތަކަށާއި ގޯތި ތެރެއަށް ވެއްޓިފައިވާ ގަސްތައް ގަނައި ދިނުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އައްޑޫ ގެއެއްގެ ފުރާޅު މަރާތުކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މިގޮތުން އައްޑޫ ސިޓީގެ 31 ގެއެއްގެ ފުރާޅު މަރާމާތުކޮށްފައި ވެއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެކީ އެއްލާލާފައި ވުމާއިއެކު އެ ދެގޭގެ ފުރާޅު އެޅުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މި ދެ ގޭގެ ފުރާޅު އެޅުމުގެ މަސައްކަތް އެކީ މިރޭ ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީއަށް ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރާގައި ހުޅުމީދޫ ގެއެއްގެ ފުރާޅު އެއްލާލައި އެގޭގައި މީހުންނަށް ދިރިއުޅެން ދަތިވުމާއެކު އެގޭގައި ދިރިއުޅޭމީހުން ވަގުތުން ވަގުތަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށް އެމީހުންނަށް ކެއުންބުއިމާ އެހެނިހެން އަސާސީ ކަންކަން ފުލުހުން ވަނީ ހަމަޖައްސައިދީފައެވެ.