14 Aug 2015, 20:24
ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުންތައް ގާތުން ބައްލަވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އެމަނިކުފާނު ހޯއްދަވަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.
"މިގޮތުން، އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ރައީސް ވިދާޅުވިއެވެ.
މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވި އެވެ.
މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.