16 Aug 2015, 08:51
ކޮންމެ ގައުމެއްވެސް ހިންގުންތެރިންނަކީ ޒުވާނުންނެވެ. ގައުމެއްގެ މައިބަދައަކީ އެއީ އެވެ. ގައުމު މުސްތަގުބަލް ބައްޓަންވާނީ އެ މީހުންނަށެވެ. އިލްމާއި ހިލްމީ ގާބިލްކަން ހުރި ޒުވާނުން މިއަދު ވަރަށް ގިނަ އެވެ. އެ ޒުވާނުން މުސްތަގުބަލް ވަރަށް އުޖާލާ އެވެ. މި ރިޕޯޓުގައި މި ގެނެސްދެނީ އެފަދަ މޮޅު ޒުވާނެއްގެ ފަންނުވެރި މަސައްކަތެވެ.
ރ. ވާދު އަށް އުފަން އުމުރުން 24 އަހަރުގެ އިމްރާން މުހައްމަދަކީ ކަވި މަސައްކަތެއް ކުރާ ޒުވާނެކެވެ. އޭނާ ވަޒީފާ އަދާ ކުރަން ފެށީ ފުރާވަރުގަ އެވެ. އެއީ 16 އަހަރުގަ އެވެ. ހައުސިން މިނިސްޓްރީގައި މިހާރު ސައިޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިމްރާނަކީ ކުޑައިރުއްސުރެ އަބަދު ވެސް އާޓްގެ ދާއިރާއަށް ޝައުގު ހުންނަ ޒުވާނެކެވެ.
ކުޑައިރު ވެސް ކުރެހުމަކީ އޭނާގެ ހޮބީއެކެވެ. ކްލާހުގައި އަބަދު ވެސް ކުރަހަން އެންމެ މޮޅީ އިމްރާނެވެ. މުބާރާތެއް ބާއްވައިފި ނަމަ އެއް ވަނަ ލިބޭނީ އޭނާއަށެވެ. ހާއްސަކޮށް މާ ކުރެހުމަށެވެ. ނަމަވެސް މިހާރު އޭނާ ހަމައެކަނި މާ ކުރަހަނީކީ ވެސް ނޫނެވެ. ކުރެހުމަކުން ފަށާ މަސައްކަތް ނިމޭއިރު ހުންނަނީ ލޯމައްޗަށް ރީތި، ބުރަ، ކަވި މަސައްކަތެއްގެ ގޮތުގަ އެވެ. އާންމުކޮށް ކިޔާ ގޮތައް ނަމަ "ފްރުޓް ކާވިން" އަކީ މިހާރު އޭނާގެ ހޮބީ އެވެ. ކުޑައިރުންސުރެ ކުރެހި ކުރެހުން މި ވަނީ ތަފާތު މޭވާތަކުގެ ކުލަ ޖެހިފަ އެވެ.

"ކުރެހުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއް. އަބަދުކުރާކަމެއް އެއީ. އެކަމަކު ފަހުން ބޭނުންވީ ކުރެހުމުގެ ހުނަރު އެހެން ގޮތަކަށް ބޭނުން ކުރަން. ދެން ވިސްނީ ކިހިނެތްތޯ މިކަން ވާނީ. އެގޮތަށް ވިސްނުމެއްގައި ހުއްޓާ ބޭބެގެ ފަރާތުން ލިބުނު އައިޑިއާއެއް މިއީ. ވަރަށް ޝައުގުހުރި ކަމެއް. ފެށިއިރު މާބޮޑު ހޯޕެއް ނެތް މިކަން ވެދާނެ ކަމުގެ،" ފްރުޓް ކާވިންގެ މަސައްކަތް ފެށިގެން އައިގޮތް ކިޔައިދެމުން އިމްރާން ބުންޏެވެ.
ރިސޯޓެއްގައި ވަޒީފާ އަދާ ކުރި ބޭބެއާ ކޮންމެ ކަމެއްގައި ވެސް "ޗެލެންޖް" ކުރުމަކީ އިމްރާނު ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން ރިސޯޓަކުން ފްރުޓް ކާވިންގެ މަސައްކަތް ދަސްކުރުމަށް ފަހު އެކަމުގެ އައިޑިއާ އިމްރާނަށް ދިނީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ބޭބެ ފްރުޓްކާވް ކުރާތަން ފެނިގެން، ބަރަބޮލެއް ބޭނުންކޮށްގެން އިމްރާން ފުރަތަމަ ކާވް ކުރި މަލުން އެނާއަށް ރައްޓެހިންނާއި އާއިލާގެ ފަރާތުން ހިތްވަރު ލިބުނެވެ.

"އެހިސާބުން އަމިއްލައަށް ފެށިގެން ދިޔައީ މަސައްކަތްތައް. ޔޫޓިބް ބަލަން ވަރަށް ގިނައިން މި ޝޭޕްތައް ގެންނާނެ ގޮތްތަކަކީ ކޮބައިތޯ. ކޮންމެ ދުވަހަކުހެން ޔޫޓިއުބުން ވީޑިއޯ ބަލައިގެން އާ އެއްޗެއް ދަސްކުރަން. ބައެއް އެއްޗެހި ދަސްކުރަން ވަރަށް ވަގުތު ވެސް ނެގި. އަތް ކެނޑި ގޮތްގޮތްވާނެ. އެކަމަކު ވެސް ހިތަށް އެރީ ހަމަ ބޭބެ ދަށަށް ދުއްވާލާނަމޭ،" އިމްރާން ކިޔާދިނެވެ.
ކަރައެއް، ބަރަބޮލެއް، ކެރެޓެއް، ބީޓްރޫޓެއް، ކިއުކަމްބާއެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ އެއްޗަކުން ވެސް އޭނާ އުފައްދަނީ އާދަޔާ ހިލާފް ރީތި ޑިޒައިންތަކެކެވެ. މަލާއި އެކި ކަހަލަ ދޫނިތަކެވެ. އެފަދަ ކަވި މަސައްކަތެއް ކުރަން ބޭނުންވާ ހަތިޔާރު ހޯދުން އޭނާއަށް ފުރަތަމަ ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ބައްޕަގެ އެހީއާ އެކު އެ މަސައްކަތަށް ބޭނުންވާ ވަޅިފަދަ ތަކެތި އުފެއްދި އެވެ. ފިހާރައިން ގަންނަ ވަޅި "މޮޑިފައި" ކޮށްފައި ވެސް އެބަހުއްޓެވެ. އެކަމަށް ހާއްސަ އާލާތެއް އިމްރާނުއަތުގައެއް ނެތެވެ. އެ މަސައްކަތުގައި ބޭނުން ހުރާ ހުރިހާ އާލާތްތަކަކީ ވެސް އަމިއްލައަށް ކިއްސަރަށް ދައްވާފައިވާ އެއްޗެއްސެވެ. އޭނާގެ މަސައްކަތް ފުރިހަމައަށް ފަށައިގަނެވުނީ އެ އާލާތްތައް ތައްޔާރު ކުރެވުނު ހިސާބުންނެވެ.

"ރައްޓެހިންނާއި އާއިލާގެ މީހުންގެ ފަރާތުން އޯޑަރުތައް ލިބުނު ވަރަށް. ދެން ވަގުތު ވާވަރަކުން ކޮށްދެން. ކޮންމެ މީހެއްގެ ފަރާތުން ވެސް ލިބޭނީ ހަމަ ޕޮސިޓިވް ކޮމެންޓް. އާންމުކޮށް ހުންނާނީ ކުދި ކަންތައްތައް ކޮށްދީފައި،" އިމްރާން ބުންޏެވެ.
މިހާ ހިސާބަށް އައިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އަށް ކައިވެނި ޕާޓީއެއްގެ ބުފޭގައި ޑެކަރޭޝަން އަށް އިމްރާނުގެ ފްރުޓް ކާވިން ބޭނުންކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ހިތްހަމަ ޖެހެނީ ބ. އަތޮޅުގައި އޮތް ކައިވެނީގެ ހަފްލާއަކަށް ހަދައިދިން ސެޓްއަޕް ކަމަށް އޭނަ ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ލޯގޯ ކަރައެއްގައި ހަދައިގެން އާންމުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ދިނުމަކީ އޭނާއަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.

އިމްރާން ބުނި ގޮތުގައި އޭނާ ބޭނުން ވަނީ އެއީ ބިޒްނަސްއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ވަޒީފާއަށް ފަހު އެވެ. ލިބިފައިވާ ހުނަރުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން އޭނާ ބޭނުންވެ އެވެ. އޯޑަރުތައް އޭނާގެ ފޭސްބުކް ފޭޖް އިން ވެސް އިމްރާނަށް ދެވޭނެ އެވެ. ވެޑިން ޕާޓީތަކާއި އެހެނިހެން މުނާސަބާތަކަށް ބޭނުންވާ އޯޑަރުތަކަށް އޭނާ ހުރީ މަރުހަބާ ކިޔައިގެންނެވެ. ބޭނުންވާ ޑިޒައިނެއް ދައްކައިދީފި ނަމަ އިމްރާން ބުނިގޮތުގައި އޭނާ އެގޮތަކަށް ފްރުޓް ކާވް ކޮށްދޭނެ އެވެ. އޭގެ އިތުރުން މި މަސައްކަތް ކުރަން ބޭނުންނަމަ ވެސް އިމްރާނު އެކަން ކޮށްދޭނެ އެވެ. ވަރަށް އަވަހަށް ކޯހެއް ފަށައިދޭން އިމްރާން އަންނަނީ ފަހުގެ ތައްޔީރައް ވަމުންނެވެ.

މި ގައުމަށް ބޭނުންވަނީ މިފަދަ ޒުވާނުންނެވެ. ހުނަރުވެރި ޒުވާނެއްގެ ހައިސިއްޔަތުން ގައުމުގެ އެހެނިހެން ޒުވާނުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ.
"ކުރަން ބޭނުންވާކަމެއް އެންމެ ކުޑަމިނުން ޓްރައި ކޮށްލާށޭ. އެހެންމީހުންގެ އެހީވެސް ހޯދާށޭ. އެއްވެސް ކަމެއް ވާނެބާއޭ ނުވާނެބާއޭ ހިތަށް އަރާފައި ނުހުންނާށޭ. އަޖުމަ ބަލައިލަން ނަމަވެސް ކޮށްލާށޭ،" އޮފީސްތަކުގެ ޓެލިޓްރާމާ މުބާރާތުން ބެސްޓް ސްޕޯޓިން އެކްޓާގެ އެވޯޑް ހޯދާފައިވާ އިމްރާން ބުންޏެވެ.
އޭނާގެ މެޖެސު މިހާ ހިސާބުން ނިންމާލީއެއް ނޫނެވެ. އޭނާގެ މެސެޖެއް ސަރުކާރަށް އެބަ އޮތެވެ. އިމްރާން އެދެނީ ހުނަރުވެރި ޒުވާނުންގެ ހުނަރުތައް ގޭގެ ކޮޓަރިތެރެއިން ނެރެދިނުމަށް ޓަކައި ވީހާވެސް ގިނަ ފެއާތައް ބާއްވައި، އިތުރު ފުރުސަތުތައް ހޯދައި ދިނުމަށެވެ.