ރާއްޖޭގެ ޔޫތު ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ހުޅުމާލޭގައި ގިނަ އަދަދެއްގެ ޒުވާނުން މިއަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވަމުން އެބަގެންދެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ބެހޭ ގޮތުން އެ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު އަސީލް ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެގެން މިއަދާއި މިރޭ ކުރިއަށްގެންދާ މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ، އެމްއެމްޕީއާރުސީގެ މެނެޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ސްޓަންޓް ތަކުގެ ތެރެއިން -- ސަން ފޮޓޯ: ކިޔުންތެރިއެއް

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް "ހުޅުމާލެ ޔޫތުސިޓީ"ގައި މިއަދު ހަވީރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކާއި ބާބަކިއު އޭރިއާ ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޒުވާނުންނާއެކު އެމްއެމްޕީއާރުސީގެ އެމްޑީ ވަނީ، "ޔޫތު ޑޭ ރައިޑް"ގެ ނަމުގައި ބޭއްވި ސައިކަލުބުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ގޮތުން ސައިކަލް ސްޓަންޓް ތަކާއި، މޫދުގެ ކުޅިވަރު ތައް ދައްކައިލުންވެސް މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހުޅުމާލޭގައި ގިނަ އަދަދެއްގެ ޒުވާނުން މިއަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މޫދުކުޅިވަރުތަކުގެ ތެރެއިން -- ސަން ފޮޓޯ: ކިޔުންތެރިއެއް

އަސީލް ވިދާޅުވީ، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތު ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތައް މިރޭވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި ވަރަށް ހާއްސަ މިއުޒިކް ޝޯއަކާއި، ހަވާއެރުވުން ވެސް އޮންނާނޭ ކަމަށެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަކުރާ ދުވަހަކީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. އެދުވަސް އެންމެ ފުރަތަމަ ފާހަގަ ކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ. އަ އަހަރު މިފާހަގަ ކުރާ 16 ވަނަ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ. އިން ކަނޑައަޅާފައި ވަނީ ”އިޖުތިމާޢީ ތަރައްޤީ ގައި ޒުވާނުންގެ ބައިވެރިވުން" މިއެވެ.