މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑައިބެޓިސް (އެމްއޭޕީޑީ) އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ޖަމްއިއްޔާ، "ދަރިންޓަކައި"އާއި ފުލުހުން ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ހަރަކާތަކެއް މިއަދު ހެންވޭރު ދަނޑުގައި ކުރިއަށް ގެންގޮސްފި އެވެ.

މިއަދު 4:00ގައި ފެށި އެ ހަވީރު ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތެވެ. އަދި އެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފައި ވާއިރު، އެކަމަނާ ވަނީ އެމްއޭޕީޑީގެ ފަރާތުން އެ އިވެންޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދިން އެވޯޑު އެ ފަރާތްތަކާ ހަވާލުކޮށްދެއްވައިފައެވެ.

އޮގަސްޓް 14، 2015: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި "އުފާވެރި ހަވީރު" ގެ ތެރެއިން: މި ހަވީރުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފަ -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ބޭއްވި ހަވީރުގައި އެކަމަނާ ވަނީ އެ ހަވީރުގައި ބައިވެރިވި 140 ފަރާތަކަށް އެވޯޑު ދެއްވައިފައެވެ.

މިއަދު ބޭއްވި ހަވީރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްއޭޕީޑީ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވާ ހަވީރެކެވެ.

މިއަދު ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ސިމްޑީ ގްރޫޕްގެ އެހީތެރިކަމާ އެކު އެވެ.

އެމްއޭޕީޑީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެސްޓު ކުރުމަށް އިންޑިއާގެ ބެންގަލޫރުގެ ރީކޫ ހޮސްޕިޓަލްގެ ޑޮކްޓަރުން ތިން މަސް ވަންދެން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮގަސްޓް 14، 2015: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި "އުފާވެރި ހަވީރު" ގެ ތެރެއިން: މި ހަވީރުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފަ -- ފޮޓޯ/ ރައީސް އޮފީސް

އޮފިޝަލް ވިދާޅުވީ އެ ޑޮކްޓަރުން ޓެސްޓުކުރުމަށްފަހު ދޭ ލަފާގެ މަތިން ބެންގަލޫރަށް ގޮސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާސަންދައިގެ އެހީތެރިކަމާ އެކު ފަރުވާ ކުރެވޭނެ ކަމަށެވެ.

"މިހާރު ދިވެހި ކުއްޖަކު އަމިއްލައަށް ގޮސް ޓެސްޓުކުރަން އިންޑިއާގެ 400،000 ރުޕީސް ޚަރަދު ވަނީ. އާސަންދައިން ދެވިއްޖެއްޔާ ކުއްޖާ ސްޕެންޑުކުރަން ޖެހޭނީ އިންޑިއާގެ 35،000 ރުޕީސް. އާސަންދައިން ކަވަރުކުރާ ބައި ނުލައި އެއީ 8274 ދިވެހި ރުފިޔާ،" އޮފިޝަލް ވިދާޅުވިއެވެ.

ނުކުޅެނުންތެރިކަން ހުންނަ ފަރާތްތަކަށް ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ ރަނގަޅު ކުރެވިދާނެ ކަމަށާއި ޑޮކްޓަރުން އުންމީދު ކަނޑާލާފައި ތިބި ކުދިން ވެސް ފަރުވާކޮށްގެން ރަނގަޅުވަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. މިދަންނަވާ ކުއްޖާ އުމުރުން 12 އަހަރުގައި މަރުވާނެ ކަމަށް ޑޮކްޓަރުން ބުނި. އެކަމަކު ފަރުވާކޮށްގެން އެ ދިރިއުޅެނީ. މިހާރު 15 އަހަރު ވެއްޖެ. ރަނގަޅުގޮތުގައި ފަރުވާ ދެވިއްޖެއްޔާ އެކުއްޖާ މުޅިން ރަނގަޅުވެދާނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޮގަސްޓް 14، 2015: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި "އުފާވެރި ހަވީރު" ގެ ތެރެއިން: މި ހަވީރުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފަ -- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން ސިމްޑީގެ އެހީތެރިކަމާ އެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހު ފޮޓޯ ނަގަން ދަސްކޮށްދޭ ކޯހެއް ކުރިއަށްގެންދަން ވެސް އެމްއޭޕީޑީން ވަނީ ނިންމާފައެވެ.

"އޯޓިޒަމް ކުއްޖަކަށް ތަނެއްގައި މަސައްކަތް ނުކުރެވިދާނެ. ނަމަވެސް އޭނައަށް ފޮޓޯ ނަގައި ބޭރުގެ މެގަޒިން އަކަށް ވެސް އެލާ ފޮޓޯއެއް ވިއްކިދާނެ ދެއްތޯ،" އޮފިޝަލް ވިދާޅުވި އެވެ.