13 Mar 2011, 10:44
ގަލޮޅުގައި ހުރި ގެއެއް ފުލުހުން ފާސްކޮށް، ބައެއް ތަކެއްޗާ އެކު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ބުރުޒު މަގުގައި ހުރި ގެ ފުލުހުން ފާސް ކުރި ވަގުތު އެ މަގު އޮތީ ބަންދުކޮށްފަ އެވެ. އަދި އެ ގޭގެ ހަތަރު ވަނަ ބުރި ފާސް ކުރާތާ ގާތްގަނޑަކަށް ތިރީހަކަށް މިނެޓުގެ ތެރޭގައި ފުލުހުން ވަނީ ބައެއް ތަކެއްޗާ އެކު އެގެއިން މީހަކު ހައްޔަރުކޮށްފަ އެވެ.
އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުމުން މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފި ނަމަ "މައްސަލައިގެ ބައެއް ކަންތައްތައް ގެއްލިގެން ހިނގައިދާނެތީ" މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
މިފަހުން އާޓިފިޝަލް ބީޗުގައި ހަވީރުގެ ވަގުތެއްގައި ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގުމަށް ފަހު 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.