14 Aug 2015, 14:20
ބަޣުދާދު (އޮގަސްޓް 14): އިރާގުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ސުންނީންނާއި ޝިޔައީންނާ އަދި ކުރުދީންނަށް ވަކިދައުލަތް ހެދޭގޮތަށް އިރާގު ބައިކޮށްލުންކަަމަށް ވިދާޅުވެ އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ރައިމޮންޑް އޮޑިރްނޯ ދެއްވި ބަޔާނަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ރުޅިވެރިކަމާއެކު ރައްދު ދެއްވައިފިއެވެ.
އަބާދީ ވިދާޅުވީ، ޖެނެރަލް ރައިމޮންޑް އޮޑިރްނޯގެ ބަޔާނުން އޭނާއަށް އިރާގުގެ ހާލަތު އެނގިވަޑައިގެންފައި ނުވާ މިންވަރު ހާމަވެފައިވާ ކަމުގައެވެ.
އޮޑިރްނޯއަކީ އެމެރިކާ އިރާގަށް ގަދަބާރުން އަރައިގެން އެގައުމު އަޅުވެތިކޮށްގެން އުޅުނުދުވަސް އިރާގުގައިވާ އެމެރިކާގެ ބާރުތަކުގެ ކޮމާންޑަރުކަން ދެ އަހަރުވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.
ޕެންޓަގަންގައި ދެއްވި ބަޔާނެއްގައި އޮޑިރްނޯ ވިދާޅުވީ، ސުންނީންނާއި ޝިޔައީންނާ އަދި ކުރުދީންނަށް ވަކި ދައުލަތް ހެދޭގޮތަށް އިރާގު ބައިކޮށްލުން ނޫންގޮތަށް އިރާގުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައެވެ. އަދި މިއީ އިރާގުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލުކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޖެނެރަލް އޮޑިރްނޯއަށް އަށް ރައްދު ދެއްވަމުން އަބާދީ ވިދާޅުވީ، އޭނާގެ ބަޔާނަކީ އެފެންވަރުގެ މަސްއޫލުވެރިއަކު ދެއްވާވަރަށްވުރެ މާ ދަށްފެންވަރުގެ އަދި ޒިންމާދާރުކަމެއްނެތް ބަޔާނެއްކަމުގައެވެ.
އިރާގުގެ މައްސަލައަކީ ސައްދާމް ހުސައިންގެ ދުވަސްވަރުވެސް އަދި މިހާރުވެސް އެގައުމުގެ ތަފާތު ނަސްލުތަކާއި މަޛްހަބުތަކުގެ މީހުންގެ މެދުގައި އިންސާފުން ކަންކަން ކުރުމުގެ ބަދަލުގައި ބޭއިންސާފުން ކަންކަން ކުރުމުގެ މައްސަލައެވެ. މިގޮތުން ސުންނީން އިރާގުގެ ވެރިކަން ކުރަމުން ގެންދިޔައިރު ސުންނީންވަނީ ޝިޔައީން ނިކަމެތިކޮށް އެމީހުންނަށް އަނިޔާވެރިވެފައެވެ. އަދި އެމެރިކާ ސިފައިން އިރާގަށް އަރައި ސައްދާމުގެ ވެރިކަން ވައްޓާލުމަށްފަހު ވެރިކަންލިބުނު ޝިޔައީންވެސް ސުންނީންނާމެދު ކަންތައް ކުރަންފަށާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައި ސުންނީން ނިކަމެތިކޮށް އެމީހުންނަށް އަނިޔާވެރިވެ ފިތުނަ އުފެދޭގޮތަށެވެ.
އެހެންކަމުން ބަދަލުހިފުމުގެ ރޫހު ދޫކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަނެ ނިކަމެތިކޮށްލުމުގެ ރޫހު ދޫކޮށްލައި އިންސާފު ގާއިމްކޮށްގެން ސުލްހަވެރިކަމާއެކު އުޅުމުގެ ރޫހު އުުފެދިގެންނޫނީ އިރާގުގެ މައްސަލައަށް ހައްލެއްނާންނާނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)