14 Aug 2015, 11:48
އައްޑޫ ސިޓީއަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) މިއަދު ވިދާޅުވީ، އައްޑުއަށް ރޭ ފަތިހުން ފެށިގެން ކުރަން ފެށި ވިއްސާރައިގައި 15 ވަރަކަށް ގޭގެ ފުރާޅު އެއްލާލައި ދެ ގެއެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.
އައްޑުއަށް ރޭ ކުރަން ފެށި ވިއްސާރައާ ގުޅިގެން ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން ފަތިހު 4:00 އިން ހެނދުނު 10:00 އަށް ނެރުނު ވައިޓް އެލާޓްގެ ތެރެއިން ވަނީ ޔެލޯ އެލާޓެއް ވެސް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ފަތިހު 4:25 އިން ހެނދުނު 7:25 އަށެވެ. އަދި އަނެއްކާ ވެސް ވަނީ މިއަދު ހަވީރު 5:15 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގަހެއް ވެއްޓި ބައެއް ތަންތަނަށް ގެއްލުން ލިބިފައި -- ސަން ފޮޓޯ: އިބްރާހީމް ނަދީމް
މޭޔަރު ވިދާޅުވި ގޮތުގައި ފުރާޅު އެއްލާލައި ފެންބޮޑުވެ ބައެއް ގޭގެ ހިފާގެންގުޅޭ ސާމަނަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އަދި އެއް ގޭގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާއިރު، އިތުރު ގެއެއްގެ މީހުން ވެސް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.
ސޯބެ ވިދާޅުވި ގޮތުގައި ރޭ ފަތިހުން ފެށިގެން ކުރަން ފެށި ވިއްސާރައިގައި ބައެއްގޭގެ ވަށާފާރު ވެއްޓުމުގެ އިތުރުން ގިނަ އަދަދެއްގެ ގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެފައި -- ސަން ފޮޓޯ: ޝަމީމާ
"ބޮޑެތި އަނބުގަހާއި ސައްކެޔޮ ގަހާއި އަންނާރު ގަސްވަނީ ހަމަ ބިމާހަމަވެފައި. ބައެއް ގޭގެ ފާރުތައް ވަނި ވެއްޓިފައި. މަގުތަކުން ހިނގާބިނގާވެ ނޫޅެވޭ ވަރަށް ވަނީ ފެން ވެސް ބޮޑުވެފައި،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވި ގޮތުގައި އެމްއެންޑީއެފް އާއި ޕޮލިހުންގެ އިތުރުން އެމްއާރުޑީސީން މިހާރު އަންނަނީ ގެތަކުން ފެން ހިއްކާ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫ މަގެއްގައި ފެންބޮޑުވެފައި -- ސަން ފޮޓޯ: ޝަމީމާ
މެޓް އޮފީހު ބުނީ ރޭ ފަތިހު އައްޑުއަށް ކުރަންފެށި ވިއްސާރައިގައި ފަތިހު 4:19 ހާއިރު 64 މޭލަށް ވައިގަދަވި ކަމަށެވެ. އަދި އައްޑޫ ސިޓީއަށް 86 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގަހެއް ވެއްޓި ބައެއް ތަންތަނަށް ގެއްލުން ލިބިފައި -- ސަން ފޮޓޯ: އިބްރާހީމް ނަދީމް
މެޓު އޮފީހުން ބުނީ މިހާރު ވެސް އައްޑޫ ސިޓީއާ ދިމާލުގައި ވިލާ ބޯކޮށް ހުރި ކަމަށެވެ. އަދި ކަނޑުގަދަވެ މޫސުން ވެސް ގޯސްވާނެތީ އެ ސަރަހައްދުން ކަނޑުދަތުރު ނުކުރުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށަށް އަންނަނީ އުދަވެސް އަރަމުންނެވެ.