ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސިޔާސަތަކީ 21 ވަނަ ގަރުނުގެ އިންފްރާސްޓްރަކްޗަރު ރާއްޖޭގައި ބިނާކުރުން ކަމަށާއި، ޓެކްސްގެ ގޮތުގައި ލިބޭ ލާރިން އެކަމަށް ހަރަދުކުރަން ޖެހޭ ކަމަށް ނައިބުރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފަސް އަހަރު ފުރުމާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ، ވިޔަފާރިވެރިން އަތުން ނަގާ ފައިސާ މުސާރައާއި އެނޫންވެސް ރީކަރަންޓް ހަރަދުތަކުގެ ބަދަލުގައި، އެފައިސާ ބޭނުންކުރަން ޖެހެނީ 21 ވަނަ ގަރުނުގެ އިންފްރާސްޓްރަކްޗަރު ގާއިމްކުރުމަށް ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ސިޔާސަތުތަކަކީ ކޮންމެ ދުވަހަކު ބަދަލުވާ ސިޔާސަތުތަކެއް ނޫން ކަމަށާއި މިއަދުގެ ސަރުކާރަކީ ޓެކްސް ނިޒާމުގައިވެސް ހަރުދަނާ ގޮތެއް ގެންގުޅެނޭ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓެކުހަށް ލިބޭ ފައިސާ އެންމެ ހެޔޮގޮތުގައި ބޭނުންކުރުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސޯދު ކުރިއަރައިގެން ދިޔައީ ރިސޯޓުތައް ހަދަން ކުރު މުއްދަތަކަށް ރަށްތައް ދޫކުރިއިރު ވެސް އެ ރަށްތައް ނެގި ފަރާތްތަކަށް "ރިސްކު" ނަގަން ކެރުމުންކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެންމެ ފަސް އަހަރަށް ނުވަތަ ދިހަ އަހަރަށް ރަށްތައް ދޫކުރިއިރު ވެސް އެ ވިޔަފާރިވެރިން 20 މިލިޔަން ރުފިޔާ ނުވަތަ އެ އަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކުރެއްވި ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"ދިވެހި އިންވެސްޓަރުން އޭރު އެކަން ނުކުރެއްވި ނަމަ ރާއްޖޭގެ އިގްތިސޯދު ވެސް އަދި ޓޫރިޒަމް ސިނާއަތް ވެސް މިހާރު އޮތް މިންވަރަށް ތަރައްގީ ނުވާނެ. އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު އެ ފަރާތްތަކުން ސަރުކާރަށް ފައިސާ ލިބޭއިރު އަޅުގަނޑުމެން އެ ފަރާތައް ޝުކުރު އަދާކުރަން ޖެހޭ،" ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.

"ޔުނިވާސަލް ގުރޫޕަށް ބަލާލި ކަމުގައި ވިޔަސް، ޗަމްޕާ ބްރަދާސް ނުވަތަ ކާސާ، ވިލާ ގްރޫޕް އަދި ސަން ޝިޔާމް ގްރޫޕަށް ބެލި ނަމަވެސް އެ ބޭފުޅުން ރިސްކު ނުނެންގެވި ނަމަ، އެ މަސައްކަތް ނުކުރެއްވި ނަމަ ރާއްޖޭގެ އިގްތިސޯދު މިއަދު މިހާ ފުޅާ ވީސްތޯ؟ އަޅުގަނޑުމެން އަދިވެސް ތިބޭނީ މުންޑުގައިތޯ؟ ނުވަތަ ކޮންމެ ބޭފުޅަކު އައިފޯން ހިފައިގެން ޓްވީޓް ކުރައްވަންތޯ،" ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭގައި ބަނދަރު ހެދުމާއި މިސްކިތްތައް ހެދުންފަދަ އުމްރާނީ މަސައްކަތްތައް ކުރަނީވެސް އެފަރާތްތަކުން ސަރުކާރަށް ދައްކާ ޓެކުހުގެ ފައިސާއިން ކަމަށެވެ. އެހެންކަމުން ސިޔާސީ ފަރާތްތައް ވެސް އެ ވިޔަފާރިވެރިންނާ ދިމާއަށް ރުޅިވެރިކަމާއެކު ބަހެއް ބުނުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑަތި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ ރައީސްގެ އިތުރުން މެންބަރުން އަދި މީރާގެ ގިނަ އަދަދެއްގެ މުއައްޒަފުން ބައިވެރިވި އެވެ.