13 Mar 2011, 10:40
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ފޮނުއްވައިލެއްވި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލައްވާފައިވާ ބިލްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގައި މި އަހަރު ބަހުސްކުރަން ފެށޭ ތިން ވަނަ ބިލެވެ.
ރައީސް ތަސްދީގު ނުކުރައްވައިގެން ފޮނުއްވައިލެއްވި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި ގައުމީ ބަހަށް އިސްކަން ދިނުމުގެ ބިލަށް ވެސް މަޖިލީހުގައި ވަނީ ބަހުސްކޮށްފަ އެވެ.
އަހަރަކަށް ފަހު ވަޒީރުންނާ ސުވާލުކުރުމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުން ހުއްޓުމަކަށް އައިސްފައި ވަނީ، ރައީސް ނަޝީދުގެ ކެބިނެޓްގައި އޭރު ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން 2010 ވަނަ އަހަރުގެ ޖޫން 29 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ފަރެސް މާތޮޑާ ދާއިރާގެ މުހައްމަދު މުއްތަލިބު ހުށަހަޅުއްވާފައިވާ، ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ހިމެނެ އެވެ. އަދި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް ވަނީ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފަ އެވެ.