އެންމެ ގިނައިން ދައުލަތަށް މިދިޔަ އަހަރު ޓެކްސް ދެއްކުމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ދޭ "ރަންލާރި" އެވޯޑު ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޑެޓަށް ލިބިއްޖެ އެވެ.

އެ ކުންފުންޏަށް ރަންރާލި އެވޯޑު ލިބުނީ ޓްރެވަލް އެޖެންސީގެ ގިންތިން އެންމެ ގިނައިން ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) ދެއްކުމުންނެވެ.

ދައުލަތުގެ ޓެކްސް އިދާރާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރު ގޭގައި މިރޭ ބޭއްވި ހަފްލާގައި އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ދައުލަތަށް ޓެކްސް ދެއްކުމާއި މުދަލު ޒަކާތް ދިނުނާއި މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެ ކުންފުނިން އެންމެ ބޮޑަށް އިސްކަން ދޭ ކަންތައް ކަމަށެވެ.

ސިޔާމް ވިދާޅުވީ މިހާރެކޭ އެއް ފަދައިން ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ފަޅެއް ހެދި ކަމުގައި ވިޔަސް، ބަނދަރެއް ހެދިޔަސް އެއާޕޯޓެއް ހެދިޔަސް، އަދި ދައުލަތުގެ އެންމެހައި ވެރިންނަށް މުސާރަ ދިން ކަމުގައި ވިޔަސް، ސިޔާސީ ވެރިންނަށް މުސާރަ ދިން ކަމުގައި ވިޔަސް މި ހުރިހާ އެއްޗަކީ އަޅުގަނޑުމެންގެ ޓެކްސް ދައްކާ މީހުން ދައްކާ އެއްޗިހި،" ސިޔާމް ވިދާޅުވި އެވެ.

ޓެކްސް ދެއްކުމުގައި އިހުމާލުވެއްޖެނަމަ ދައުލަތް ހިންގުމަށް ހުރަސްއެޅި ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމްގެ ވާހަކަފުޅުގައި ރާއްޖޭގެ ގިނަ ބަޔަކީ ވިޔަފާރި ކުރާ ބަޔަކު ކަމުގައި ވާންޖެހޭނެ ކަމުގައި ވިދާޅުވި އެވެ. ސަބަބަކީ ރާއްޖޭގައި ގިނަ މުއްސަނދިން އުފެދޭނީ ގިނަ ބަޔަކު ވިޔަފާރިކޮށްގެން ކަމުގައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާނުން ވިޔަފާރީގެ ތެރެއަށް ވަނުމަށް ބާރުއަޅުއްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ޓެކްސް ދައްކާ މިންވަރު އިތުރުކުރުމަށް ކުންފުންޏެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް އެ ކުންފުންޏަކަށް ފައިދާ ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"އެއިރަށް ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ ރައްޔިތުން އެ މީހުން ބޭނުން ހިސާބަކަށް ގެންގޮސް އެމީހުން ހިތްހަމަޖެހުމާއި ތައްރައްގީ އާއި މުއްސަނދިކަމުގެ ތެރޭގައި ބޭތިއްބޭނީ،" ސިޔާމް ވިދާޅުވި އެވެ.

މީރާގެ ހަބަރުތައް ކަވަރުކޮށްދޭތީ އެ އޮޓޯރިޓީން ދޭ ހަނދާނީ ފިލާ މިރޭ ވަނީ ސަން މީޑިއާ ގްރޫޕަށް ލިބިފަ އެވެ. އެ ހަނދާނީ ފިލާ ލިބިފައި ވާ އެހެން މީޑިއާތަކަކީ ޕީއެސްއެމާއި ވީޓީވީ އާއި ދިޓީވީގެ އިތުރުން ރާއްޖެ ޓީވީ އަދި ހަވީރު މީޑިއާ ގްރޫޕެވެ.