މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކުމުން، 17 ފަރާތަކަށް "ރަންލާރި" އެވޯޑު ދީފި އެވެ.

ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށް، އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތް ހޮވާފައި ވަނީ 11 ދާއިރާއަކުންނެވެ.

ގުޑް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) އެންމެ ގިނައިން ދެއްކުމުން ތިން ކުންފުންޏަކަށް ވަނީ "ރަންލާރި" އެވޯޑު ދީފަ އެވެ. އެއީ ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި ކާސާ ހޮލްޑިން ޕްރައިވެޓް ލިމިޓެޑާއި ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑެވެ. އެ ކުންފުންޏަށް ވެސް ވަނީ "ރަންލާރި" އެވޯޑު ދީފަ އެވެ.

ޓޫރިޒަމް ގުޑް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އެންމެ ގިނައިން ދެއްކުމުން ތިން ރިސޯޓަކަށް ވަނީ "ރަންލާރި" އެވޯޑު ދީފަ އެވެ. އެ ރިސޯޓުތަކަކީ ހުވަފެންފުށި ރިސޯޓް އެންޑް ސްޕާ އާއި ލިލީ ބީޗު ރިސޯޓް އެންޑް ސްޕާގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށެވެ.

ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޑެޓުން "ރަން ލާރި އެވޯޑު ހާސިލް ކުރުމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކަށް އެވޯޑު ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޓީޖީއެސްޓީ ދެއްކި ފަރާތްތަކުގެ ތެރެއިން ޓެލެވަލް އެޖެންސީގެ ގިންތިން ސަން ހޮޓެލްސް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ "ރަންލާރި" އެވޯޑު ދީފަ އެވެ. އެ ކުންފުނީގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ސަން ހޮޓެލްސް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އެތެރޭގެ ވައިގެ ދަތުރުފަތުގެ ހިދުމަތް ދޭ ފަރާތްތަކުގެ ތެރެއިން ޓީޖީއެސްޓީ އެންމެ ގިނައިން ދައްކައިގެން އެވޯޑު ލިބިފައި ވަނީ ޓްރާސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑަށެވެ. ޓޫރިސްޓް ހޮޓާތަކުގެ ގިންތިން ޓީޖީއެސްޓީ އެންމެ ގިނައިން ދެއްކުމުން ރަންލާރި އެވޯޑު ލިބިފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. ޓޫރިސްޓް ވެސަލްތަކުގެ ތެރެއިން އެންމެ ގިނައިން ޓީޖީއެސްޓީ ދެއްކުމުން އެވޯޑު ލިބިފައި ވަނީ ބްލޫ ހޮރައިޒަން ޕްރައިވެޓް ލިމިޓެޑްގެ "ހޮރައިޒަން 3"އަށެވެ. ޓޫރިސްޓް ގެސްޓް ހައުސް ގިންތިން އެންމެ ގިނައިން ޓީޖީއެސްޓީ ދެއްކުމުން އެވޯޑު ލިބިފައި ވަނީ "އަސްކަނި ތުލުސްދޫ" އަށެވެ.

ރަންލާރި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ބޮޑެތި ވިޔަފާރީގެ ގިންތިން އެންމެ ގިނައިން ޓެކްސް ދައްކައިގެން "ރަންލާރި" އެވޯޑު ލިބިފައި ވަނީ ސޮނީ ހާޑްވެއާ ޕްރައިވެޓް ލިމިޓެޑެވެ. މެދުފަންތީގެ ގިންތިން އެވޯޑު ލިބުނީ އީގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. ކުދި ވިޔަފާރީގެ ގިންތިން އެވޯޑު ލިބުނީ ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށެވެ. ވިތު ހޯލްޑިން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އެވޯޑު ލިބިފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށެވެ. ބޭންކް ޕްރޮފިޓް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އެވޯޑު ލިބުނީ ބެންކް އޮފް މޯލްޑިވްސްއަށެވެ.