އިންޑިއާގެ ޓުރިވެންޑްރަމްގައި އުމުރުން ދުވަސްވީ ފިރިހެނަކު މިއަދު ގެއްލިއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ގެއްލިފައި ވަނީ ތ. ތިމަރަފުށީ އިރުދޭމާގޭ މޫސާ ހަސަން،80، އެވެ.

މޫސާ ހަސަންގެ އާއިލާގެ މީހަކު މިރޭ ސަން އަށް ކިޔައިދިން ގޮތުގައި އޭނާ ގެއްލިފައި ވަނީ މިއަދު ހެނދުނު 6:30 އެހާކާންހާއިރު ހިނގާލަން ދިޔަފަހުންނެވެ.

"މިއަދު ހެނދުނު މާމާ އާއި ދައްތަ ނަމާދުކުރަން ތިއްބައި ކާފަ ބުނީ އަންނަނާނަމޭ ހިނގާލަން ގޮސްފައި. އެހެންކިޔާފައި ދިޔައީ. އޭގެ ފަހުން ޚަބަރެއް ނުވޭ،" މޫސާ ހަސަންގެ ކާފަ ދަރިއަކު ކިޔައިދިނެވެ.

މޫސާ ހަސަން ދިރުއުޅެނީ ޓްރިވެންޑްރަމްގެ ކުމާރަ ޕުން ސަރަހައްދުގައި ކަމަށާއި ހިނގާލަން ދިޔައީ ވެސް އެތާ ކައިރިއަށް ކަމަށް ވެސް ކާފަ ދަރިފުޅު ބުންޏެވެ.

އޭނާ ބުނީ ހިނގާލަން ދިޔައިރު މޫސާ ހަސަންގެ އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށާއި އަދި އެއްވެސް ފައިސާއެއް ވެސް ނެތް ކަމަށެވެ.

އެ މައްސަލަ މިހާރު ޓުރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާއި ޓްރިވެންޑްރަމްގެ ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އާއިލާ އިން ބުންޏެވެ.