13 Aug 2015, 23:31
އަންނަ ހޯމަ ދުވަހު ސްރީލަންކާގައި އޮންނަ އާންމު އިންތިހާބު ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ކާމިޔާބު ކުރިއަސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް މިހާރުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ަރައީސް ސިރިސޭނާ، ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންތިހާބުން ޔޫޕީއެފްއޭ މެޖޯރިޓީ ހޯދިއަސް، ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ރާޖަޕަކްސަ އަށް ނުދެއްވާނެ ކަމަށެވެ.
ސްރީލަންކާ ފްރީޑަމް (އެސްއެލްއެފްޕީ) އާއި ޔޫޕީއެފްއޭގެ ޗެއާމަނަކީ ރައީސް މައިތިރި ޕާލާ ސިރިސޭނާ އެވެ.
ރައީސް ސިރިސޭނާ ވިދާޅުވީ އޭނާ އަށް ލަންކާގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ބާރު ބޭނުން ކުރައްވައިގެން ޔޫޕީއެފްއޭގެ ތެރެއިން އެހެން ލީޑަރެއް ހޯއްދަވައި އެ ބޭފުޅަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައި ސަރުކާރެއް ގާއިމު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލަންކާގެ ޕާލަމެންޓްގައި ހިމެނެނީ 225 ގޮނޑި އެވެ. އިންތިހާބު ކާމިޔާބު ކުރާ ޕާޓީއަކުން 113 ގޮނޑި ހޯދަން ޖެހެ އެވެ.
ސިރިސޭނާ ވިދާޅުވީ ޔޫޕީއެފްއޭ އަށް އެންމެ ގިނަ ގޮނޑި އިންތިހާބުން ލިބުނަސް މެޖޯރިޓީ ނުލިބޭނެ ކަމަށެވެ. އަދި ބޮޑުވަޒީރަކަށް ރާޖަޕަކްސާ އަށް ސަޕޯޓް ނުކުރައްވާނެ ކަމަށެވެ.
ރައީސް ސިރިސޭނާ ވިދާޅުވީ ބޮޑުވަޒީރުގެ މަގާމު ލިބެން ޖެހޭނީ ސީނިއާ އަދި ގާބިލު އެސްއެލްއެފްޕީގެ ބޭފުޅަކަށް ކަމަށެވެ. އަދި އެ ބޭފުޅަކީ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެގޮތުން ރައީސް ސިރިސޭނާ ވަނީ އޭނާގެ ނަޒަރުގައި ބޮޑުވަޒީރު ކަމަށް ޕާޓީ އިން ގެނައުމަށް ފެންނަ ބޭފުޅުންކޮޅެއްގެ ނަންފުޅުތަކެއް ވެސް ދެއްވައިފަ އެވެ. އެބޭފުޅުންނީ؛ ނިމަލް ސިރިޕަލަ ޑިސިލްވާ އާއި ޖޯން ސެނެވިރަތަން އާއި ޖަމަލް ރާޖަޕަކްސާ އާއި އަތުޑާ ސެނެވިރަތަން އާއި އޭއެޗުއެމް ފައުޒީ އާއި ސުސިލް ޕްރެމަޖަޔަތާ އާއި އަދި އަނޫރާ ޕްރިޔަދަރަޝަނާ ޔާޕާ އެވެ.
ސިރިސޭނާ ވިދާޅުވެފައި ވަނީ އޭނާގެ ނިންމެވުމަށް ރާޖަޕަކްސާ އިހްތިރާމު ކުރައްވައި އޭނާ ދެއްވާފައިވާ ނަންތަކުގެ ތެރެއިން ބޭފުކަށް ތާއީދުކޮށްދެއްވުމަށް އެދޭ ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތު އިސް ކުރުމަށް ވެސް ސިރިސޭނާ އެދިވަޑައިގަތެވެ.
ލަންކާގެ އިންތިހާބުގައި ޔޫޕީއެފްއޭ އާއި (އެސްއެލްއެފްޕީއާ ދެކޮޅަށް ވާދަ ކުރާ މައި ޕާޓީއަކީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާގެ ޔޫއެންޕީ އެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް