13 Aug 2015, 22:29
ޕިކަޕަކަށް އަރުވައިގެން ރާ އުފުލައިނިކޮށް މިއަދު މާލެއިން 108 ފުޅި ބަނގުރާ އަތުލައިގަނެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު ހިންގި އޮޕަރޭޝަނެއްގައި އެބަނގުރާތައް އަތުލައިގެންފައި ވަނީ އެތަކެތި މާލެ ގެނެސް ޕިކަޕަކަށް އަރުވައިގެން މާވެޔޮ މަގުން ދަތުރު ކޮށްފައި ދަނިކޮށް މިއަދު ހަވީރު 17:15 ކަންހާއިރު އެވެ.
"މިއަދުގެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 108 ފުޅި ބަނގުރާ. މި ބަނގުރާ ފުޅިތައް އަތުލައިގަތް އިރު ރާފުޅިތައް ހުރީ ފޮށިގަނޑުތަކުގައާއި ކޫލަރެއްގައި ބަންދު ކޮށްފައި. މިއަދު އަތުލައިގަތް ރާފުޅިތަކުގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ކިންގް ރޮބަޓް ބްރޭންޑުގެ ރާފުޅި." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރާއި 26 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. އޭގެތެރެއިން 18 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.