އިންޑިއާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ކުރިކެޓް ވޯލްޑް ކަޕާ ދިމާކޮށް އިންޑިއާގެ ބައެއް ތަންތަނަށް ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމަށާއި އެކަން ކުރާ އިރު ރާއްޖޭގައި ގާއިމްކޮށްފައިވާ ކަމަށް ބުނާ އަލްގައިދާގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނަ ސޯމާލިޔާގެ ކަނޑުފޭރޭ ގުރޫޕަކުން ބައިވެރިވާ ކަމަށް އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ހަވާލާދީ ލަންކާގެ ނޫހަކުން އިއްޔެ ބުނެފި އެވެ.

އިންޑިއާގެ ސިކިއުރިޓީ ފަރާތްތަކާ ހަވާލާދީ، ލަންކާގެ އެންމެ މަޝްހޫރު ދުވަހު ނޫސް، ދަ އައިލެންޑްގެ އިއްޔެގެ އަދަދުގައި ވަރަށް ސޮރީހަ އިބާރާތުން ބުނެފައި ވަނީ، ބައިނަލްއަގުވާމީ ޓެރާ ނެޓްވޯކް، އަލްގައިދާގެ މަރުކަޒެއް ރާއްޖޭގައި ހުންނަ ކަމަށާއި އެ މީހުންނާ ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕް، އަލް ޝަބާބާ ގުޅުން އޮންނަ ކަމަށެވެ.

އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ ކުރިކެޓް ވޯލްޑް ކަޕާ ދިމާކޮށް، ކްރިކެޓް ބާއްވާ އިންޑިއާގެ ދެ ތިން ރަށަކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވާފައިވާ ކަމަށާއި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ އިންޑިއާ ކަނޑުގައި ފުޅާދާއިރާއެއްގައި ފޭރުމުގެ ހަރަކާތްތައް ހިންގާ ސޯމާލިޔާގެ ކަނޑުފޭރޭ ގުރޫޕަކުން ކަމަށެވެ.

ލަންކާގެ ނޫހަކުން ސޯމާލިއާގެ ކަނޑުފޭރޭ މީހުންނާއި ރާއްޖެއާ ދެމެދު ތުހުމަތުތަކެއް ކުރި އިރު މިދިޔަ މަހުގެ ފަހުކޮޅު ދ. ކަނޑިންމަ ކިޔާ ފަޅުރަށަކުން ވަނީ ގްރެނައިޑްތަކެއް ވެސް ފެނިފަ އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ސޯމާލިޔާގެ ބަޔަކާ އެކު އުޅަނދުތަކެއް އަތުލައިގެންފައިވެ އެވެ. އޭގެ ތެރެއިން ބައެއް ޑިންގީތަކުން ހަތިޔާރުގެ ވަޒަން ވެސް ފެނިފައިވެ އެވެ.

ދ. ކަންޑިމަ އިން ފެނުނު ގްރެނެއިޑްތަކަކީ އަސްލު އެއްޗެހިތަކެއް ކަމަށް ކަށަވަރުކޮށްދިނުން ފިޔަވައި ދިފާއީ ބާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދާދިފަހުން ރާއްޖޭގެ ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ސޯމާލިޔާގެ 34 މީހުން އެނބުރި އެ މީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލަންކާ ނޫސްތަކުން ބުނި ގޮތުގައި އިންޑީއާ އަށް ހަމަލާތައް ދޭނެ ގޮތުގެ ފަންނީ އަދި އަމަލީ ތަމްރީންތައް ރާވާފައި ވަނީ އިންޑިއާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ "ޒާހިރުއްދީން އަންސޯރީން" ޖަމާއަތާ ގުޅިގެންނެވެ.

އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ހަވާލާދީ ލަންކާގެ ނޫސްތައް ބުނަނީ ޓެރަރިސްޓުންގެ އެއް ގުރޫޕް ނޭޕާލުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އަށް މިހާރު ވަދެފައިވާ ކަމަށެވެ. އަދި ދެ ވަނަ ގުރޫޕް އަރަބި ގަނޑުން ލާފައި އައިސް އިންޑިޔާގެ އިރު އުތުރުގެ އައްސޭރި ފަށަށް ފޭބުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ލަންކާ ޓައިމްސްގައި ބުނެފައި ވަނީ އެ ގައުމުގެ ހަ ސަރަހައްދަކަށް ޓެރަރިސްޓުންގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.