މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ހޯދުމުގައި ދިވެހި ފުލުހުންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރު ޖެނެރަލް ދާތޯ ޝްރީ އަޒުހަރުއްދީން ޢަބްދުއްރަޙްމާނާއި މެލޭޝިއާގެ ތަހުލީލު ޓީމާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސީީޕީ ވިދާޅުވީ ފްލައިޓެއްގެ ބައިތަކެއް ކަމަށް ބެލެވޭތަކެތި ރާއްޖޭގެ ބައެއް ރަށްރަށަށް ލައްގަމުންދާ ކަމުގެ މައުލޫމާތު ލިބެމުން ދާތީ ފުލުހުން އަންނަނީ އެކަން ބަލަމުން ކަމަށެވެ.

އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެެނެރަލް ދާތޯ ޝްރީ އަޒުހަރުއްދީން ޢަބްދުއްރަޙްމާން ވަނީ ރާއްޖޭގެ ބައެއް ރަށްރަށުން މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި ފެންނަން ފެށުމާއެކު އެކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދީފައި ވާތީ އެކަމަށް ޝުކުރު ދަންނަވާފަ އެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެފައިވެ އެވެ.