13 Aug 2015, 18:57
ލ. މާބައިދޫއަށް އުދަ އަރައި، ރަށު ތެރެއަށް ލޮނުގަނޑު ފެތުރިއްޖެ އެވެ.
މާބައިދޫއަށް އުދަ އަރާފައި ވަނީ މިއަދު މެންދުރު، ރަށުގެ އިރުމަތީ ފަރާތުންނެވެ. އެ ސަރަހައްދަށް އުދަ އެރުމުން ލޮނުގަނޑު ވަނީ ހާހެއްހާ ފޫޓަށް ފެތުރިފަ އެވެ. ނަމަވެސް ރަށުގެ އެއްވެސް ގެއަކަށް ލޮނު ވަދެފައެއް ނުވެ އެވެ.
މާބައިދޫ ކައުންސިލްގެ މެމްބަރު ހަސަން އާދިލް ވިދާޅުވީ މިރޭ މެންދަމު އެ ރަށަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުން ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ. އެގޮތުން ރަށުގެ އިރުމަތީ ފަރާތުގައި ދިރިއުޅޭ ގެތަކުގެ ރައްޔިތުން ވެލި ބަސްތާ ޖެހުމަށް ތައްޔާރުވެފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.
މާބައިދޫއަށް އުދަ އަރައި ރަށު ތެރޭގައި ލޮނުގަނޑު ފެތުރިފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
އޭނާ ވިދާޅުވީ މާބައިދޫއަށް އުދަ އެރި ސަރަހައްދަކީ ރަށުން އަލަށް ގޯތި ދޫކުރި ސަރަހައްދެއް ކަަމަށާއި އެ ގޯތިތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އުދަ އެރުމުގެ ސަބަބުން އެ ގޯތިތަކުގައި ހުރި ގަސްތަކަށް ގެއްލުން ވެފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

މާބައިދޫއަށް އުދަ އަރައި ރަށު ތެރޭގައި ލޮނުގަނޑު ފެތުރިފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
މިއަދު ވަނީ ލ. މާމެންދޫއަށް ވެސް އުދަ އަރާފަ އެވެ. އެގޮތުން އެ ރަށުގެ ހުޅަނގު ފަރާތުންނާއި އުތުރުފަރާތުން ވަނީ އުދަ އަރާފަ އެވެ. ނަމަވެސް ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެފައެއް ނުވެ އެވެ.

މާބައިދޫއަށް އުދަ އަރައި ރަށު ތެރޭގައި ލޮނުގަނޑު ފެތުރިފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް