13 Aug 2015, 19:55
ދުނިޔޭގެ ބާޒާރުތަކުގައި މިހާރު ހުރި މޭވާއިން އިންސާނުންނަށް ލިބެންވާ މިންވަރާ ގާތަށް ވެސް ފައިދާ ނުލިބޭނެ ކަމަށާއި މިހާރު އުފައްދާ މޭވާގައި މާބޮޑަށް ހަކުރު ގިނަ ކަމަށް ސައެންސްވެރިން ބުނެފި އެވެ.
އެމެރިކާގެ ޕާކްލީގައި ހުންނަ ކެލިފޯނިޔާގެ ސައެންސާބެހޭ ޔުނިވާސިޓީގެ އިލްމުވެރިން، ދުނިޔޭގެ ބާޒާރުތަކުގައި މިހާރު ހުރި ގިނަބާވަތުގެ މޭވާތައް އިލްމީ ގޮތުން ތަހްލީލުކުރުމަށްފަހު ވިދާޅުވެފައި ވަނީ މިހާރު އުފައްދާ މޭވާގައި މާގިނައިން ހަކުރު (ފްރެކްޓޯޒް) ހުންނަ ކަމަށާއި ފްރެކްޓޯޒަކީ މާގިނައިން ކާނަމަ ހަށިގަނޑަށް ގެއްލުން ލިބޭނެ އެއްޗެއް ކަމުގަ އެވެ.
ސައެންސްވެރިން ބުނާ ގޮތުން މިހާރު އުފައްދާ މޭވާ އުފައްދަނީ އޭގައި ހަކުރު (ފްރެކްޓޯޒް) ގިނައިން އެކުލެވޭގޮތަށް ކަމުގަ އެވެ. އެހެންކަމުން މިހާރު ދުނިޔޭގެ ގައުމުތަކުގައި އުފައްދާ މޭވާއިން އިންސާނުންގެ ހަށިގަނޑަށް ލިބެންވާ މިންވަރާ ގާތަށް ވެސް ހަގީގީ ފައިދާ ނުލިބޭނެ ކަމަށާއި ހަގީގީ މޭވާ ފޮނިމަޑުވެފައި ކުޑަ ހިތިކަމެއް ހުންނާނެ ކަމަށް ވެސް ކެލިފޯނިޔާ ސައެންސް ޔުނިވާސިޓީގެ އިލްމުވެރިންގެ ޓީމުން ބުނެ އެވެ.
މިހާރު އުފައްދާ މޭވާގެ މައްސަލައަކީ ފްރެކްޓޯޒް މާ ބޮޑަށް ގިނަވުމެވެ. ފްރެކްޓޯޒް މަދު ކުރެވޭ ގޮތަށް މޭވާ އުފައްދާނަމަ މޭވާއިން އިންސާނުންގެ ސިއްޙަތަށް މާބޮޑަށް ފައިދާކުރާނެ ކަމަށް އެ ޓީމުން ބުނެއެވެ. އަދި ތަރުކާރީއަށް ބެލި ނަމަވެސް ބައެއް ބާވަތްތަކުގެ ސިނާޢީ ފާޓިލައިޒަރުގެ ސަބަބުން ތަރުކާރީން އަސްލު ލިބެންވާ މިންވަރަށް ފައިދާ ނުލިބޭނެކަން އެ ޓީމުން ފާހަގަ ކުރެއެވެ.
(މެޑިކަލްފޯރަމް ޑޮޓް ކޮމް)