ގަތަރުގެ އެހީގެ ދަށުން ހުޅުމާލޭގައި ފުޓުބޯޅަ ދަނޑެއް އަޅަން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަވީދު ވިދާޅުވީ ރާއްޖެ އަކީ ދެވަނަ ދަނޑެއް އޮންނަން ޖެހޭ ގައުމެއް ކަމަށް ގަތަރުން ގަބޫލުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަތަރުގެ އެހީއާއެކު ހުޅުމާލޭގައި އަޅާ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީގައި ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ގަތަރުން ބުނާ ކަމަށް ވެސް ޝަވީދު ވިދާޅުވ ިއެވެ.

"ގަތަރުން ވަނީ މިހާރު ރާއްޖޭގައި އިތުރު ދަނޑެއް އަޅައިދޭން އެއްބަސްވެފައި. އިއްޔެ ވާނީ އެކަމަށް ބޭނުންވާ ބިން ވެސް ހުޅުމާލެ އިން ބަލާފައި،" ޝަވީދު ވިދާޅުވި އެވެ.

އަލަށް އެޅުމަށް ހަމަޖެހިފައިވާ ދަނޑުގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ސިންތެޓިކް އާޓިފިޝަލް ވިނަ ކަމަށާއި އެ ދަނޑު ހަދާފައި ހުންނާނީ ރަނގަޅު ފެންވަރުގެ ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކޮށްފައި ކަމަށް ވެސް ޝަވީދު ވިދާޅުވިއެވެ.

އެ ދަނޑު ގާއިމް ކުރުމިގެ ސަބަބުން ރަސްމީ ފުޓުބޯޅަ ދަނޑަށް އަންނަ ބުރަ ކުޑަވެގެންދާނެ ކަމަށްވެސް ޝަވީދު ވިދާޅުވި އެވެ.