13 Aug 2015, 16:36
ޕެންސިލްވޭނިއާ އަށް ނިސްބަތްވާ ކުރީގެ ރީތީގެރާނީ ބްރޭންޑީ ލީ ވީވާ-ގޭޓްސް ކެންސަރު ޖެހުނީ ކަމަށް ބުނެ އެކި މީހުން އަތުން އެތައް ހާސް އެމެރިކާ ޑޮލަރު ހޯދަމުންދަނިކޮށް ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ.
23 އަހަރުގެ ބްރޭންޑީ ވަނީ ލޫކީމިޔާ ޖެހިގެން ކަމަށް ބުނެ އޭނާގެ "ބޭސްފަރުވާއަށް" ފައިސާ ހޯދަން ބޭއްވި އެކި އިވެންޓުތަކުން އެތައްހާސް އެމެރިކާ ޑޮލަރު ހޯދާފައެވެ.
ފުލުހުންގެ އޮފިޝަލެއް ކަމުގައިވާ ތޯމަސް ސްޓޮކް އޭބީސީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކާކު ކަން ނޭނގޭ މީހަކު ފުލުހުންނަށް ޖޫން މަހު ފަހުކޮޅު ނޫނީ ޖުލައި މަހުގެ ކުރީކޮޅު ސިޓީއެއް ފޮނުވައި އެކަން ތަހުގީގު ކުރަން އެދުނީ ކަމަށެވެ.
ސްޓޮކް ބުނިގޮތުގައި ބްރޭންޑީ ފަރުވާ ހޯދަނީ "ގެއިސިންގާ މެޑިކަލް ސެންޓާރ" އަދި "ޔޫޕީއެމްޕީ މެޑިކަލް ސެންޓާރ" ގައި ކަމަށް ބުންޏަސް އެއިން އެއްވެސް ހޮސްޕިޓަލެއްގައި އޭނާ ފަރުވާ ހޯދިކަން ލިޔެކިޔުމުން އެނގޭކަށް ނެތެވެ.
އޭނާ ބުނިގޮތުގައި ބްރޭންޑީ ކެންސައު ޖެހިފައިވާ ކަމަށް ދައްކަންވެގެން ހުރީ ބޯ ވެސް ބާލައިފައެވެ.
ފުލުހުން ބުނި ގޮތުގައި ފައިސާ ހޯދަން އެންމެ ފަހުން ބޭއްވި އިވެންޓު "ބިންގޯ ފޯ ބްރޭންޑީ" އިން އެކަނިވެސް އޭނާ 14،000 އެމެރިކާ ޑޮލަރު ލިބުނެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.