13 Aug 2015, 19:45
ވޮޝިންޓަން (އޮގަސްޓް 13) : ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާގެ ކޮންގްރެސްގެ ތާއީދު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތްކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ ވިދާޅުވީ އެ އެއްބަސްވުމާ ދެކޮޅުހަދާ މައިގަނޑު ގައުމަކީ އިސްރާއީލު ކަމަށާއި ގަލްފުގެ އަރަބި ގައުމަކުން ވެސް އެ އެއްބަސްވުމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައި ނުވާ ކަމުގަ އެވެ. އެމެރިކާގެ އެތެރެއަށް ބަލާއިރު އެ އެއްބަސްވުމާ ދެކޮޅު ހަދާ ފަރާތްތަކުގެ އަޑު މަޑުމަޑުން ކުޑަވަމުންދާކަން ވެސް އޮބާމާ ފާހަގަކުރެއްވި އެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ދެކޮޅަށް އެމެރިކާގެ އެތެރޭގައި މަސައްކަތް ކުރަނީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި އަދި ކޮންޒަވެޓިވް ވިސްނުމުގެ ސިޔާސީ ފަރާތްތަކާއި އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުންނެވެ.
އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރުން އެ އެއްބަސްވުމާ ދެކޮޅު ހައްދަވަނީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓަށް އެމެރިކާގައި ބާރާއި ނުފޫޒުގަދަ ޔަހޫދީ މަހުޖަނުން އަތުން ފައިސާ އާއި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯދުމުގެ ސިޔާސީ ބޭނުމުގަ އެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުން ތަސްދީގުކުރުމާ ދެކޮޅަށް ކޮންގްރެސްއިން ވޯޓު ދިން ނަމަވެސް އޮބާމާ އެ ވޯޓު ވީޓޯ ކުރައްވާނެތީ އާއި އެއަށްފަހު އެ އެއްބަސްވުމާ ދެކޮޅަށް ކޮންގްރެސްއިން ދެން ފާސްކުރާ ގަރާރެއް ފާސްކުރަން ޖެހޭނީ ކޮންގްރެސްގެ ތިންބައި ކުޅަ ދެބައި މެންބަރުންގެ އަޣްލިބިއްޔަތުން ކަމަށް ވާތީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ މެންބަރުންނަށް އެކަނި އެކަން ނުކުރެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުން ތަސްދީގު ކުރުމަށް ބާރުއަޅުއްވައި ކުރައްވަމުން ގެންދަވާ ކޭންޕޭންގައި އޮބާމާ ވިދާޅުވީ އެ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ހަރުކަށި ވިސްނުމުގެ ބޭފުޅުން ދައްކަވާ ބިރުތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެ ބޭފުޅުންގެ އޮތީ އަމިއްލަ ސިޔާސީ ބޭނުންތަކެއް އެކަނި ކަމަށެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ކޮންގްރެސްގައި ވޯޓަށް އަހާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. އެ އެއްބަސްވުން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ތަސްދީގުކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ފާސްކޮށްފަ އެވެ. އަދި އެމެރިކާގެ ކޮންގްރެސުން މި އެއްބަސްވުން ތަސްދީގު ނުކުރިނަމަވެސް ނިއުކްލިއާ މައްސަލާގައި ދުނިޔޭގެ އެހެން ބާރުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ސަލާމަތީ މަޖިލީހުގެ އެ ގަރާރާ ގުޅިގެން ވަރަށް އަވަހަށް އުވާލާނެ ކަން އެ ގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ.
އެހެންކަމުން އެމެރިކާގެ ކޮންގްރެސުން އެ އެއްބަސްވުން ތަސްދީގު ނުކުރުމުން އެކަހެރިވެގެން ދާނީ އެމެރިކާއެވެ. އެމެރިކާ އެކަނި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނަށް ކުރިން ކުރިވަރުގެ ބޮޑެތި އަސަރުތައް ނުކުރާނެ ކަމަށާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އެޅުމުގެ ގަރާރެއް އެމެރިކާއަށް ދެން ސަލާމަތީ މަޖިލީހުން ފާސް ނުކުރެވޭނެ މުހައްލިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)