ބޮލީވުޑް ތަރީންގެ ދިރިއުޅުމާއި އެމީހުންގެ އާއިލީ ގުޅުން ތަކުގެ ވާހަކަ ތަކަކީ ގިނަ ބަޔަކު އެނގެން ބޭނުންވާ ވާހަކަ ތަކެކެވެ. މި ފަހަރު މި ގެނެސްދެނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމީ ތަރީންނާއި އެމީހުންގެ ދޮންމަންމައިގެން ވާހަކަ އެވެެ.

  1. އަރުޖުން ކަޕޫރާއި ސްރީދޭވީ:

އަރުޖުން ކަޕޫރު އޭނާގެ ދޮންމަންމަ ސްރީދޭވީ އާއި ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ ކަރަން ޖޯހަރުގެ ޝޯ "ކޮފީ ވިތް ކަރަން" ގެ ތެރެއިންނެވެ. ކުރިން އެވާހަކަ ދައްކަން އިދިކޮޅު ހެދި އަރުޖުން ބުނި ގޮތުގައި އޭނާ އާއި ސްރީދޭވީ އާއި ދެމެދު އޮންނަ ގުޅުން ދުވަހަކުވެސް "ނޯމަލް" އެއް ނުވާނެއެވެ.

އަރުޖުން ބުނި ގޮތުގައި ސްރީދޭވީ އެއީ ހަމައެކަނި އޭނާގެ ބައްޕަގެ އަންހެނުންނެވެ. ހުދު އަރުޖުންގެ ދިރިއުޅުމުން އޭނާ އަށް އެއްވެސް ޖާގައެއް ނެތެވެ.

އަރްޖުން ބުނިގޮތުގައި އޭނާގެ މަންމަ މޯނާ ކަޕޫރު ވަނީ އޭނާއަށް މީހުންނަށް އިޙުތިރާމް އަދާކުރުމަށް ދަސްކޮށްދީފައެވެ. އަދި އެގޮތުން އޭނާ ސްރީދޭވީ އަށްވެސް އިޙުތިރާމު ކުރާނެއެވެ.

އޭނާ ބުނިގޮތުގައި ދުވަހަކުވެސް އާދައިގެ އުފާވެރި އާއިލާއެއްހެން އެމީހުންނާ އެއްކޮށް ނޫޅެވޭނެ ކަމުގައިވިޔަސް އޭނާ ހިތް ބުރައެއް ނުކުރާނެއެވެ.

ސްރީދޭވީ ދުވަހަކުވުސް އަރުޖުންގެ ވާހަކައެއް އާންމު ތަނެއްގައި ދައްކާފައެއް ނުވެއެވެ. އެ ދެމީހުން ދުވަހަކުވެސް އެއްވެސް އިވެންޓެއްގައި ވެސް އެއްކޮށް ފެނިފައެއް ނުވެ އެވެ.

  1. ސާރާ ޚާން އާއި ކަރީނާ ކަޕޫރު ޚާން:

ކަރީނާ، އަމްރިތާ ސިންގްގެ ކުދިންނާއެކު މަންމައަކަށްވުރެ ބޮޑަށް އޮންނަނީ ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. ކަރީނާ ބުނާ ގޮތުގައި އެކުދިންގެ ރަނގަޅު މަންމައެއް ހުރެ އެވެ. އެހެންކަމުން އިތުރު މަންމައަކު ބޭނުމެއް ނުވެއެވެ.

ކަރަން ޖޯހަރުގެ ޝޯ "ކޮފީ ވިތް ކަރަން" ގައި ވާހަކަދައްކަމުން ކަރީނާ ސައިފްގެ ދެކުދިން – ސާރާ އާއި އިބްރާހިމް އާއި އޭނާ އާއި ދެމެދު އޮންނަ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ.

އޭނާ ބުންޏެވެ، "ވަރަށް ސަޅި. އެމީހުންގެ ވަރަށް ރަނގަޅު މަންމައެއް ހުރޭ. އެކުދިން އެއީ ވަރަށް ރަނގަޅަށް ބަލައި ބޮޑު ކުރެވިފަ ތިބި ކުދިން. އަހަރެން އަދިވެސް ހަނދާން ހުރޭ ސާރާ ތެދުވެ އާދާބް ކީ ހަނދާން. ސާރާ ވެސް އިބްރާހިމްވެސް ހަމަ އެގޮތް. އަހަރެން މީ އެމީހުންގެ ރައްޓެއްސެއް ފަދަ. ބައެއްފަހަރު އަހަންނާ ސާރާ ޗެމްޕެއިން ތައްޓެއް ބޮމުން އަންގަތަޅާލަން. މީ ސައިފް ބޭނުންވި ގޮތް. އަދި އަހަރެން ވެސް ބޭނުންވި ގޮތް."

  1. ސަލްމާން ޚާން އާއި ހެލެން:

ސަލްމާން އާއި ހެލެން އެދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމާމެދު ބާ ބޮޑު އެއްޗެއް ނުކީ ކަމުގައިވިޔަސް، ދެމީހުން ދެމެދުގައި ރުޅިވެރިކަމެއް ނެތްކަން އެއީ އެންމެންނަށް ވެސް އިނގޭ ކަމެކެވެ.

ސަލްމާން އާއި ހެލެން ދެމީހުންވެސް ސަލްމާންގެ "ބިއިންގް ހިއުމަން" ޗެރިޓީ ޝޯތަކުގައި ބައިވެރިވެފައިވާ އިރު ސަލްމާން އަބަދުވެސް އޭނާގެ ދޮންމަންމަ އަށް ލިބެންޖެހޭ އިޙުތިރާމް އަދާކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން އާއި ހެލެން ދެބެންފަދައިން ގުޅެއެވެ. މުޅި ޚާން އާއިލާ އުޅެނީ ވަރަށް ގުޅިގެންނެވެ.

  1. ފަރްޚާން އަޚްތަރު އާއި ޝަބާނާ އަޒްމީ:

ޝަބާނާ އަޒްމީ އުޅެނީ އޭނާގެ ދޮންދަރިން ކަމުގައިވާ ފަރްޚާން އާއި ޒޯޔާ އަޚްތަރު އާއި ވަރަށް ގުޅިގެންނެވެ. އެމީހުން ވަރަށް ގިނައިން އެއްކޮށް ކައިހަދައި އިވެންޓުތަކަށް ގޮސް ހަދާތަން ފެނެއެވެ. ފަރްޚާން އާއި ޒޯޔާ އެމީހުންގެ ދޮންމަންމަ ދޭ ނަސޭހަތާއި ލޯތްބާ އަޅައިލުމުގެ ވާހަކަ ހުއްޓުމެއް ނެތި ދައްކަމުންދާއިރު، ޝަބާނާ އޭނާގެ ދޮންދަރިންނަށް ތައުރީފު ކުރުން ހުއްޓައެއް ނުލައެވެ. ފަރްޚާން ވަނީ ޝަބާނާ އާއި މަންމަ ހަނީ އިރާނީގެ ގުޅުމަށްވެސް ތައުރީފު ކޮށްފައެވެ.

ފަރްޚާން، ކަރަން ޖޯހަރުގެ "ކޮފީ ވިތް ކަރަން" ޝޯގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާ ކުރިން ބައްޕަ ޖާވިދް ދެކެ އޭނާގެ މަންމަ ވަރިކޮށްލުމުން ވަރަށް ރުޅިއާދެއެވެ. ނަމަވެސް ޝަބާނާ ރަނގަޅުކަމުން މަޑުމަޑުން އެ ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ އެވެ.

  1. ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި ހެމާ މާލިނީ

ސަނީ އާއި ބޮބީ، އެމީހުންގެ ދޮންމަންމަ ހެމާ އާއި ދެމެދު އޮންނަ ގުޅުން ވަނީ އަރަތަކަށް ވެފައެވެ. އެދެމީހުން އަހާނާގެ ކައިވެނި ރަސްމިއްޔާތަށް ނައިސް ހެމާ އާއި އެކު ދުވަހަކުވެސް ފޮޓޯއެއް ވަރުވެސް ނަގައިފައި ނުވާ އިރު، އެދެމީހުން ދުވަހަކުވެސް ހެމާ އޭ ކިޔައިން އެއްޗެކޭވެސް ކިޔާފައެއް ނެތެވެ.

ނޫސްވެރިޔަކު އިވެންޓެއްގައި ހެމާ ކައިރި ސަނީ އާއި ބޮބީ އަހާނާގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނެތޯ އެހުމުން ހެމާ ޖަވާބުގައި ބުނީ އެމީހުން އަންނާނެ ކަމަށެވެ. "އެމީހުން އީޝާގެ ކައިވެނީގެ ހަފްލާއަކަށް ނާދޭ، އެކަމަކު އޭގެ މާނައަކީ އެއީ ރޭވުމެއް ނޫނީ ވަކި މަޤުސަދެއް އޮވެގެން ކުރިކަމެއް ނޫން. އެމީހުންނަށް ކޮންމެވެސް ސަބަބަކާ ހުރެ ނާދެވުނީ. އެމީހުން ރަށުގަ ނެތީ. ރަށުގަ ތިބި ނަމަ ޔަގީނުންވެސް އަންނާނެ."