ފައިސާއާ ގުޅުން ހުރި އެންމެހާ ކަންކަމުގެ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށްއިއްޔެ ގެނެވުނު އިސްލާހަކީ ނިކަމެތި އާއްމު ރައްޔިތުންނަށް ދަތިކުރުމަށް ކުރި ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ގެނައި ބަދަލުގެ ސަބަބުން މަޖިލީހުގެ އެހެން މެމްބަރުންނަށް އެއްވެސް އިސްލާހެއް ހުށަހެޅުމުގެ ދޮރު ބަންދުވެފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހިގެން ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އެ ބަދަލާއެކު ރައްޔިތުންނާ ގުޅުންހުރި އެތަކެއް މުހިއްމު މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މަޖިލީސް މެމްބަރުންގެ އަތުން ގެއްލިގެންދާނެ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރުގެ އެތެރޭގައި ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ފޮރުވައި އެމައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީސްފަދަ މުހިންމު މުއައްސަސާތަކުގައި ވާހަކަ ދެއްކުމުގެ ދޮރު ބަންދު ކުރުމަށް ސަރުކާރުން އެކަންތައް ކޮށްފައި ވުމުން އެއީ ވަރަށް "ފިނޑި" އަމަލެއް ކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެވުނު މިބަދަލުގެ އަނެއް ބޭނުމަކީ ފައިސާގެ އިނާޔަތްތައް އާއްމު ރައްޔިތުންނަށް ފަހިކޮށްދޭ ހަމައެކަނި ފަރާތަކީ ސަރުކާރުކަމުގައި އާއްމު ރައްޔިތުންނަށް ވިސްނައި ދިނުމާއި އިންތިހާބު ތަކާއި ގާތްކޮށް ދައުލަތުގެ ހަޒާނާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމަށް މަގުފަހި ކުރުން ކަމަށް އެޕާޓީ އިން ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގައި މީގެކުރިން ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ. އޭރު ފައިސާ އާ ބެހޭ އެންމެހައިކަންތަކެއް ނުހިމެނެ އެވެ.

އެ އިސްލާހު ފާސްވުމުން ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް ނުވަތަ އިސްލާހުތައް ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހިމެނޭ ބިލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ ބިލަކާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ބިލުތައް ބާތިލު ވެގެންދާނެ އެވެ.