13 Aug 2015, 15:44
މިނިވަން ފަންސާހުގެ ކުޅިވަރުތަކަށް ދަނޑުގެ ވިނަ ގަނޑުގައި އެޅި ހަރު ކަޕެޓްގެ ސަބަބުން ވިނަގަނޑު ހަލާކުވެފައިވުމުން ވޯލްޑްކަޕް ކޮލިފައިންގައި އަންނަ މަހު ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅެން އޮތް މެޗް ޗައިނާއަށް ބަދަލުކޮށް، އެއީ އެގައުމުގެ ހޯމް މެޗްކަމުގައި ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ ދަނޑުގެ ވިނަގަނޑު ރިކަވާ ވުމަށް ދެ މަސް ދުވަސް ހޭދަވާނެ ކަމަށެވެ.
އެހެންވެ އަންނަ މަހުގެ އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ޗައިނާގެ ހޯމް މެޗް ކަމުގައި ހަދައި އަންނަ އަހަރު މާޗް މަހު ޗައިނާގައި ކުޅޭ މެޗް ރާއްޖޭގައި ކުޅޭ ގޮތަށް ބަދަލުކޮށް އެމެޗަކީ ރައްޖޭގެ ހޯމް މެޗްކަމުގައި ހެދުމަށް ޗައިނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ޝަވީދު ވިދާޅުވިއެވެ.
ޝަވީދު ވިދާޅުވީ ޗައިނާއިން އެގޮތަށް އެއްބަސްވާނެކަަމަށް ގަބޫލު ކުރެވޭކަމަށާއި އެހެން ނުވެއްޖެނަމަ އެމެޗް ކުޅެން ރާއްޖެއިން ހޯމް ދަނޑުގެ ގޮތުގައި އަވަށްޓެރި ގައުމެއްގެ ދަނޑު ނަގާނެކަމަށެވެ.
ނިއުޓްރަލް ވެނޫގެ ގޮތުގައި ރާއްޖެއަށް ލަންކާއާއި ދުބާއީއިންނާއި ގަތަރުގެ ދަނޑު ނެގުމަށް ފުރުސަތު ލިބިފައިބވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަނޑުގެ ވިނަ ގަނޑު ހަލާކުވުމުމުން އެމައްސަލަ ހައްލު ކުރުމަށްޓަކައި ޔޫތު މިނިސްޓްރީއާ ގުޅިގެން ގަތަރުގެ އެހީތެރިކަމާއެކު ވިނަގަނޑުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަތަރުން ފޮނުވި ނިއުޒިލެންޑްގެ އެކްސްޕާޓެއްގެ ބެލުމުގެ ދަށުން ދަނޑުގެ ވަނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ. ރަނގަަޅަށް ބެލެހެއްޓިއްޖެނަމަ ދެ މަސް ތެރޭގައި އަލުން ރަނގަޅު ފެންވަރަކަށް ރިކަވާ ކުރެވޭނެ،" ޝަވީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމީ ފުޓުބޯޅަ ދަނޑަކީ މުޅިން ފީފާގެ ސްޓޭންޑެޑާ އެއްގޮތަށް އޮތް ދަނޑެއް ނޫން ކަމަށެވެ. ނަމަވެސް ކުރިއަށް ދެ މަސް ނިމޭއިރު ފީފާއިން ގަބޫލުކުރާ ފެންވަރުގެ ދަނޑަކަށް ގައުމީ ފުޓުބޯޅަ ދަނޑު ހެދޭނެ ކަމަށް ޝަވީދު ވިދާޅުވިއެވެ.