ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާ އިން ކަނޑައެޅި އާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ދަރިކޮޅުގެ، އުމުރުން 44 އަހަރުގެ އަތުލް ސަފީރުކަމުގެ ހުވައި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ކަމަށް އިންޑިއާ ޓްޑޭ ނޫހުން ބުނީ ގާނޫނީ ހުކޫމަތާއި އިންސާނީ ހައްގުތައް ފުޅާ ކުރުމަށް ދިވެހިންނާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"...ދިވެހި ރާއްޖޭގައި އަހަރެމެން ބޭނުންވަނީ ގާނޫނީ ހުކޫމަތާއި އިންސާނީ ހައްގުތައް ފުޅާކުރުމުގައި އަދި ނުރައްކާތެރި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ރައްޔިތުންނާއި ސަރުކާރުގެ ބައިވެރިންނަށް ވާން،" އަތުލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ރާއްޖެއާއި ސްރީލަންކާއާއި ދެގައުމަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ އެމެބެސެޑަރުގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަތުލް ކެޝަޕް އަކީ އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީގައި ވެސް ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެކި މަގާމްތައް ޔޫއޭއީއާއި ގަތަރުގައި ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.