13 Aug 2015, 14:32
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެއް ވިލިމާލެ ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ތެޔޮ ހިފައިގެން ވިލިނގިއްޔަށް ދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖު ވިލިނގިލީ ހުޅަނގު ދެކުނު ފަރާތު ފަރަށް އަރާފައި ވަނީ މިއަދު މެންދުރު 11:15 އެހާކަންހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަހުމަދު އަދުނާން ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ޓަގެއް ޖަހައިގެން ތެޔޮބާޖު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ތެޔޮބާޖު ފުންކުރެވޭ ގޮތް އަދިވެސްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެޔޮބާޖު ފުން ނުކުރެވިދާތީ އެ ބާޖުގައި ހުރި ތެޔޮ ވިލިމާލެއަށް ބޭލުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ތެޔޮ މޫދަށް އެޅިދާނެތީ އެފަދަ ކަމެއް ވިޔަނުދިނުމަށް ޓަކައި ކުރެވެން ހުރި މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަދުނާން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ. އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.