ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމުގެ ގަވައިދު ( ބޯޓްބިލްޑިންގް ކޯޑް) ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފިއެވެ.

އަތޮޅުތަކުގައި ދޯނިފަހަރުގެ ސަލާމަތީ ކަންތައްތައް ބެލުމާއި ލައިސަންސް ދިނުމަށް ބަލަން ޖެހޭ ކަންތައްތައް ބެލުން ފަދަ މަސައްކަތްތައް ކުރުމަށް ސާވޭޔަރުންގެ ގޮތުގައި ތަމްރީނު ކުރި ބޭފުޅުން ތަކަކަށް ސެޓްފިކެޓް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެ އޮތީރިޓީގެ ޗެއާމަން ޢަބުދުއް ރަޝީދު ނާފިޒު ވިދާޅުވީ، ގަވައިދުގެ ދެލި ކޮޕީއަށް އާއްމުންގެ ހިޔާލު ހޯދުމަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.

"... ބިލްޑިން ކޯޑްގެ މަސައްކަތް ނިމިފައި މިހާރު މިވަނީ. އާއްމު ރައްޔިތުންނަށާއި އަދި ކަމާއި ބެހޭ އެކިއެކި ބޭފުޅުންގެ ހިޔާލު ހޯދުމަށް ޓަކައި އަޅުގަނޑުމެންގެ ވެބްސައިޓްގައި ވަރަށް އަވަހަށް އާއްމުކުރާނަން،" ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، ގަވައިދު ތައާރަފް ކުރުމަށް ފަހު ރާއްޖޭގައި އޮޑިދޯނިފަހަރު ބަނދެވޭނީ އެގަވައިދާ އެއްގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ ފެންވަރަށް ކަމަށެވެ. އެގޮތުން އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ވެސް ބަލާނެ ކަމަށާއި ދޯނި ބަނުމުގެ މަސައްކަތް ކުރެވޭނީ ވެސް އެއޮތޯރިޓީން ހުއްދަ ކުރާ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގަވައިދު އޮންނާނީ އެފަދަ މީހުންނާއި ބޯޓްޔާޑްތައް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

"މިގޮތަށް މިކަން ކުރަން ޖެހޭ މައިގަނޑު ސަބަބެއް ވެސް އެބަ އޮތް. އެނގިވަޑައިގަންނަވާނެ ދާދި ފަހަކުން ވެސް ތިޔަބޭފުޅުންނަށް ނޫސްތަކުން ނުވަތަ އެހެނިހެން ބައެއް މީޑިއާގެ ވަސީލަތްތަކުން ފެނިވަޑައިގެންފައި އޮންނާނެ، ފަހަކަށް އައިސް ބައެއް އޮޑިދޯނި ފަހަރު ކަނޑުމަތީގައި ހުއްޓައި ބިންދައިގެން ވެސް އެބަދޭ. ހަމަ އެހެންމެ އެހެނިހެން ބައެއް ކަހަލަ ހާދިސާތައް ވެސް ހިނގައިގެން އެބަދޭ. އެހެންވީމާ މިހާރު އިހުޒަމާނުގައި އޮޑިދޯނިފަހަރު ބަނދެ އުޅުނު ގޮތަކަށް އެކަންތައް ކުރެވޭކަށް ނެތް،" ނާފިޒު ވިދާޅުވިއެވެ.