ޤާހިރާ : ގައްޒާފީގެ ބާރުތަކުން ދެމުންގެންދާ ވައިގެ ޙަމަލާތަކުން ލީބިޔާގެ ޢާންމު ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ލީބިޔާގެ މަތިން އުދުހުން މަނާކުރުމުގެ ސަރަަހައްދެއް ޤާއިމް ކުރުމަށް ޢަރަބި ޚާރިޖީ ވަޒީރުން ގޮވާލައްވައިފިއެވެ.

ލީބިޔާގެ ޙާލަތާބެހޭގޮތުން ޢަރަބި ޚާރިޖީ ވަޒީރުން ޤާހިރާގައި އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރްސަތު ލީބިޔާގެ ޚާރިޖީ ވަޒީރު މޫސާކޫސާއަށް ދީފައެއްނުވެއެވެ. އަދި ޢަރަބި ލީގުންވެސް ގައްޒާފީގެ ސަރުކާރުވަނީ ސަސްޕެންޑް ކޮށްފައެވެ.

މިބައްދަލުވުމަށް ފަހު ރޭ ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ޢަމްރު މުސާ ވިދާޅުވީ ބޭރުގެ އެއްވެސް ބާރެއް އެއްގަމު މަގުން ލީބިޔާއަށް ވަނުމަށް ޢަރަބި ޚާރިޖީ ވަޒީރުން ދެކޮޅު ހެދިކަމުގައެވެ.

އަދި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ލީބިޔާގެ ޤައުމީ އިންތިޤާލީ މަޖިލީހާ މުޢާމަލާތްކުރުމަށާއި ގައްޒާފީގެ ސަރުކާރާ މުޢާމަލާތް ކުރާމިންވަރު ވަރަށް ބޮޑަށް ދަށްކުރުމަށްވެސް ޢަަރަބިން ނިންމި ކަމުގައެވެ.

މިއީ ގައްޒާފީގެ ސަރުކާރުގެ ބަދަލުގައި ލިބިޔާގެ ވަގުތީ ސަރުކާރަކީ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ އިންތިޤާލީ މަޖިލިސްކަމަށް ޢަރަބިން އިޢްތިރާފްވުން ކަމަށް މޫސާ ވިދާޅުވިއެވެ. ޢަރަބިންގެ މިނިންމުމަށް ގައްޒާފީގެ ސަރުކާރުންވަނީ ރުޅިވެރިކަމާއެކު ދެކޮޅު ހަދާފައެވެ. -- އަލްޖަޒީރާ