ރޭ ދަންވަރާއި މިއަދު މެންދުރު ފަހު ވެސް މާލެއަށް އުދައަރަމުންދާއިރު ބައެއް މީހުންގެ ހިތްތައް ވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަނެއް ބަޔަކު ދަތުރުފަތުރު ނުކުރެވުމުގެ ދަތިކަމުގަ އެވެ. މާލޭގެ އިރު އިތުރު ސަރަހައްދުގައި ހުރި ކެފޭތަކުގެ ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. އެ ހުރިހާ ކަމެއް އެގޮތަށް ހުރި ނަމަވެސް އެ ރާޅުތަކާ އެކު އެއް ބަޔަކަށް އުފަލެއް އިހުސާސް އެބަކުރެވެ އެވެ. އެއީ ޅައިރުގެ ހަނދާންތަކެވެ.

"ހަމަ ހިތަށް އަންނަނީ ކުޑަ އިރުގެ ދުވަސްތައް، އޭރު މިގޮތަށް[ގޮށް ރާޅު]ޖަހާނެ، އަނެއްކާ ވަރަށް ޒަމާންކޮށްފައި މިފެނުނީ މިގޮތަށް ރާޅު ޖަހަނިކޮށް،" މިއަދު މެންދުރުފަހު ގަދައަވީގައި ރާޅުގަނޑަށް ބަލަހައްޓައިގެން ހުރެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވި އެވެ.

އޯގަސްޓް 13، 2015: މާލޭގެ އެކި ސަރަހައްދުތަކައް އުދަ އެރުމުގެ ތެރެއިން --- ސަން ފޮޓޯ ޔޫސުފް ސޮފްވާން

އެ އާޝޯހު ކަންމަތީ އެތައް ބަޔަކު އެބަތިއްބެވެ. ފޯނުތައް ނަގައިގެން ވީޑިއޯކޮށް ފޮޓޯ ނަގަމުން ދަނީ އެވެ. އެންމެ ގިނަ މީހުންނަށް އެންމެ ހިތްގައިމު ސަރަހައްދަކީ ރާޅުގަނޑު ސަރަހައްދެވެ. ކަމާކަންފަށާފައި ރާޅުބަލަން އެސަރަހައްދަށް އެބަދެ އެވެ. އެއީ އެ ސަރަހައްދުން ނަގާ ރާޅުތަކުން ޅައިރުގެ ހަދާންތައް އާކޮށްދޭތީ އެވެ. މިވަރަށް އުދައެރުމަކީ އޭރު އާންމުކަމެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

"މީގެ ކުރިން މިތަނަށް[ރާޅުގަނޑު] ސަރަހައްދު ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ނަގާނީ [ގޮށް ރާޅު] އެކަމަކު ފަހުން އެކަން ހުއްޓުނު. ހީވަނީ އާޓީފިޝަލް ބީޗް ހެދީމަހެން، މިއަދު އަނެއްކާ ވެސް އެފެންނަނީ ގޮށް ރާޅު،" އޭރުގެ ހަނދާންތައް ހިއްސާ ކުރަމުން ރާޅުބަލަން ގޮސް ހުރި 40 އަހަރުގެ މީހަކު ބުންޏެވެ.

ރެއާއި މިއަދު ވެސް މާލެއަށް އުދައަރަމުންދާއިރު ދުވަސްވީ މީހުން ބުނާ ގޮތުން އެއީ "އަދި އުދައެއް" ނޫނެވެ. މީގެ އެތައް އަހަރުކުރިއަށް ބަލާއިރު އިންތިހާއަށް މާލެއަށް އުދައަރާ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެގޮތުން ހުޅަނގު މޫސުމުގައި ބައެއް ފަހަރު ދިރޭ މަސް އެއްގަމަށް އަރާ ހިސާބަށް ދާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"ކުރީގައި އަޑީޕާކް އޮންނާނީ އެކީގައި ކޮނެފައި، މުޅިއެތަން ފުރޭވަރަށް އުދައަރާނެ. އަދި ބައެއް ފަހަރު ފަހަރު އުދައަރާފައި އެބަހުރި އެތާގެ ތެރޭގައި މަހާއެއްޗެހި، އެވަރު ވެސް ވެފައި އެބަހުރި." އޭރުގެ ހަނދާންތައް ހިއްސާ ކުރި މީހަކު ބުންޏެވެ.

މާލޭ އިރުމަތީ ފަރާތަށް މިއަދު ރާޅުއަރަނީ: ދަންވަރު ވެސް އުދައަރާނެ ކަމަށް މެޓުން ބުނޭ -- ފޮޓޯ/ ސްޓެޕް އައްޔަ

މިއަދު ވެސް ކޮންމެވެސް ވަރަކަށް މާލެއަށް އެބަ އުދައަރައެވެ. ހާއްސަކޮށް ޑޮލްފިން ރެސްޓޯރެންޓް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދުން އެއްގަމަށް އެބަ ރާޅު ޖަހަ އެވެ. ނަމަވެސް އެހާ ބޮޑެއް ނޫނެވެ.

މޯލްޑިވްސް މީޓިއޮރޮލަޖީ ސާވިސް(މެޓް) އޮފީހުގެ ވެދާ ފޯކާސްޓަކު މިއަދު ސަން އަށް ވިދާޅުވީ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ އިރު މާލެ އާއި ޅ. އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މާލޭގައި ދިޔަވަރު އެންމެ ބޮޑުވީ މިއަދު 12:49 ގަ އެވެ. އަދި މިރޭ ދަންވަރު 12:45 އެހާކަންހާ އިރު ވެސް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓުން ބުންޏެވެ. އެއީ އުދައަރާނެ ކަމަށް ބެލެވޭ ވަގުތުތައް ކަމަށް އޭނާ ވިދާޅުވި އެވެ. ރޭ ވެސް އުދައެރީ ދިޔަވަރު ބޮޑުވި ގަޑީގަ އެވެ.

ރާޅުގަނޑު ސަރަހައްދު ބެލުމަށް ބަޔަކު އެސަރަހައްދުގައި--- ސަން ފޮޓޯ ޔޫސުފް ސޮފްވާން

"މިއަދު ވެސް އަދިވެސް ކޮންމެވެސް ވަރަކަށް [އުދަަރާނެ ކަމަށް] ދައްކާ. އެހެންވީމާ ޕޮސިބިލިޓީ އޮތްކަމަށް އަޅުގަނޑުމެން މިބަލަނީ." ވެދާ ފޯކާސްޓަކު ވިދާޅުވި އެވެ.

އުދައިގެ އަސަރު ކޮންމެ ވެސް ވަރަކަށް މިއަދުކުރި ނަމަވެސް ރޭ ވަރެއްނުވެ އެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ރެއާއެކު ވަރަށް ބޮޑަށް އޮތީ ފެންބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން އުނދަގޫތަކެއް ހުއްޓަސް ރާޅުގަނޑުން ފެންނަ މަންޒަރުން އެތައް ބަޔަކަށް ހިތްހަމަޖެހުން ވެސް ލިއްބައިދެ އެވެ.