13 Aug 2015, 14:06
މުޖުތަމައުގެ ދުޅަހެޔޮކަމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އާލާކުރެވޭނީ ސިޔާސީ ގުޅުންތަކުގައި ޒުވާނުން ބައިވެރިކުރުމުގައި މިއަދުގެ ހަރުމީހުން މަގުދައްކައިދީގެން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
މިއަދަކީ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ކަމުވައިވުމާ އެކު ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރު ދެއްވި ޚިތޯބެއްގައި ވިދާޅުވީ، މުޖުތަމައުގެ ދުޅަހެޔޮކަމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ޒުވާނުންގެ ބައިވެރި ވުމަކީ އަޅުގަނޑުމެންފަދަ މުޖުތަމައެއްގައި ވަރަށް މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
"ޒުވާނުންގެ މި ބައިވެރިވުން އާލާކުރެވޭނީ ޒުވާނުންގެ މެދުގައި ގައުމީ ލޯބި އާލާކޮށްގެން. ވަޠަނުގެ ޒުވާނުން ތަނުގެ އިޖުތިމާޢީ، އިޤްތިސާދީ، ކުރިއެރުމާއި އުމްރާނީ ތަރައްޤީގައި ހިތާރޫހުން ބައިވެރިވެގެން. ޖަމާއަތުގެ ކުރިއެރުމާއި ލާބަޔާ މަންފާ ހޯދޭނޭމަގުތަށް ތަނަވަސް ކުރުމުގައި އަމަލީގޮތުން ބައިވެރިކުރުވުމާއި، އިޖުތިމާއީ، އިޤްތިސާދީ، އަދި ސިޔާސީ ގުޅުންތަކުގައި ޒުވާނުންނަށް ލިބިދެވެންޖެހޭ ފުރުސަތުތައް ހޯދައިދީ ބައިވެރިކުރުމުގައި މިއަދުގެ ހަރުމީހުން މަގުދައްކައިދީގެން،" ޒުހޫރު ވިދާޅުވިއެވެ.
އޮގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަކުރަން ފަށާފައި ވަނީ 1999 އިން ފެށިގެން ނެވެ.
މިއަދު މިފާހަގަ ކުރާ 16 ވަނަ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ. އިން ކަނޑައަޅާފައި ވަނީ ”އިޖުތިމާޢީ ތަރައްޤީ ގައި ޒުވާނުންގެ ބައިވެރިވުން" މިއެވެ.
މިނިސްޓަރު ޒުހޫރު ވިދާޅުވީ، ޒުވާނުންނަކީ ގައުމު ކުރިއެރުވުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާބައެއް ކަމަށާއި ޒުވާނުންގެ ބައިވެރިވުމުގެ އަގު ވަޒަންކޮށް، ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން ގައުމުގެ ތަރައްގީގެ ހުރިހާ ދައިރާއެއްގައި އަދި ހުރިހާ ފަންތިއެއްގައިވެސް ޒުވާނުން ބައިވެރިވުމުގެ މުހިންމުކަން ދައްކުވައިދެނީ މިދެންނެވި މަސައްކަތުގެ ނަތީޖާއިން،" ޒުހޫރު ވިދާޅުވިއެވެ.
ޒުވާނުންގެ ފަރުދީ އަދި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމުގައި ރާއްޖެއިން ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ، ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ޒުވާން ކެބިނެޓަކަށް އޮތީ ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކެބިނެޓު ކަމަށާއި އެ ކެބިނެޓްގެ 80 ޕަސެންޓު މިނިސްޓަރުންނަކީ 45 އަހަރުން ދަށުގެ ބޭފުޅުން ކަމުގައި ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 80 ޕަސެންޓް މެމްބަރުންނަކީ ޒުވާނުންކަމުގައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސަކީ މިސަރަހައްދުގެ އެންމެ ޒުވާން ރައީސާއި ނައިބު ރައީސް ކަމުގައި މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
ހަމައެހެންމެ ދިވެހި ސިވިލް މުވައްޒަފުންގެ ބޮޑު ޕަސެންޓޭޖަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށާއި މިއީ ޒުވާނުން ކުރިއެރުމުގެ ފުރުސަތު ހޯދައިދޭން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވިއެވެ.
މިނިސްޓަރު ޒުހޫރު ވިދާޅުވީ، ތައުލީމާއި ތަމްރީނާއި، މުނިފޫހި ފިލުވުމާއި ސިއްހަތާ މަސައްކަތުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަތޮޅުތެރޭގެ އެކިހިސާބުތަކުގައި ހިނގަމުންގެންދާ ޒުވާނުންގެ މަރުކަޒުތަކުންނާއި އަދި ބިނާކުރުމުގެ މަރުހަލާގައިވާ ކުޅިވަރު އެރީނާ ތަކަކީ މިކަމުގެ ހެއްކެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މުޅި އޭޝިއާ ސަރަހައްދުގައި ވެސް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައިވަނީ ދިވެހި ޒުވާނުންނަށް ކަމަށާއި އަމިއްލަ ޚަރަދުގައި ތައުލީމް ހާސިލް ކުރެވެން ނެތް ޒުވާނުންނަށް އެކިނަންނަމުގައި މާލީ އެހީތެރިކަން ސަރުކާރުން ދެމުން އަންނަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"ޔޫތު ޕޮލިސީގެ ދަށުން ހިންގުމަށް ހަމަޖެހެމުންދާ ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމަކީ މުޅި ރާއްޖޭގެ ޒުވާނުންނަށް ފަހިވާ އައު ފުރުސަތެއް. މިހާރު ފެށުމުގެ މަރުޙަލާގައިވާ ޒުވާނުންގެ ސިއްހަތާބެހޭ ގައުމީ މަޝްރޫއު 'ނޭޝަނަލް ޔޫތު ހެލްތު ސްޓްރެޓެޖީ' އަކީ ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގޭނޭ މިފަދަ އެންމެބޮޑު މަޝްރޫއު،" ޒުހޫރު ވިދާޅުވިއެވެ.
މަގުދައްކައިދޭން ތިބި ހަރުބޭފުޅުންނާއި ގައުމުގެ ލީޑަރުންނާ އެކު ދިވެހި ގައުމު ތަރައްގީގެ އާ މަރުހަލާއަކަށް ގެންދިއުމުގައި އާ އަޒުމަކާއެކު ކުރިއަށް ދިއުމުގެ އަޒުމު މިއަދު އަލުން އާކޮށްގެން އެ އަޒުމުގައި ސާބިތުވެތިބެ މަސައްކަތް ފެށުމަށް ޔޫތު މިނިސްޓަރު ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް ހުޅުވިފައިވާ ފުރުސަތުގެ ބޭނުންކޮށް، މިމުޖުތަމައު ކުރިއަރުވައި ތަރައްގީކުރަން މަސައްކަތްކުރުން. އެކިދާއިރާތަކުގައި، އެކިފެންވަރުގައި ޒުވާނުން ހަރަކާތްތެރިވާ މަންޒަރު ފެނުން. ދިވެހި ޒުވާނުންނަށް އަދަށްވުރެ ފާގަތިމާދަމައެއް ދެއްވުން އެދި ދުއާކުރަމުން އަދިވެސް އެއްފަހަރު ހުރިހާ ޒުވާނުންނަށް ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަން،" ޒުހޫރު ވިދާޅުވިއެވެ.