13 Aug 2015, 13:57
މާލޭ- ހުޅުލޭ ބްރިޖުގެ ހުރިހާ މަސައްކަތްތަކުގެ ޑޮކިއުމެންޓްރީ މަސައްކަތް ކުރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ހަވާލު ކޮށްފި އެވެ.
މިއަދު ޓީވީއެމް ބިލްޑިންގްގައި އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ބްރިޖުގެ ޑޮކިއުމެންޓްރީ ކުރުމަށް ހަވާލު ކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

މިއަދު ޓީވީއެމް ބިލްޑިން ގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ހާފިޒު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތާ ގުޅިގެން މިއަދުން ފެށިގެން ކުރާ ހުރިހާ މަސައްކަތްތައް އަންނާނީ ޑޮކިއުމެންޓްކޮށް އާކައިވް ކުރެވިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ބޮޑު ނުވަތަ ތާރީހީ ކަމެއް ކުރާއިރު ކުރިއަށް އޮތް މުސްތަގުބަލުގައި އެތަކެތި ބަލައި ލިބިގަތުމަކީ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގެއް ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އެ ރަސްމިއްޔާތުގައި ވިދާޅުވީ އެފަދަ ޑޮކިއުމެންޓްއެއް ތައްޔާރު ކުރާއިރު އޭގައި ހުންނާނީ ހަމައެކަނި ވީޑިއޯ ނޫން ކަމަށާއި އޭގެ އިތުރުން ފޮޓޯ އަދި ލިޔެވެސް އެ ޑޮކިއުމެންޓްރީ ތައްޔާރު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރާއިރު އެ ތައްޔާރު ކުރާނީ ދުނިޔޭގެ ފެންވަރުގައި ކަމަށެވެ.
ބްރިޖުގެ މަސައްކަތް ނިމުމުން އާންމުންނަށް އެ ތަކެތި ބެލޭނެ ކަމަށާއި އެ ފައިލްތައް އާކައިވް ކޮށްފައި ހުންނާނީ އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށް ހަލީލު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތްތަކުގެ އިތުރުން އެންމެ ކުދި ޓެކްނިކަލް ބައްދަލުވުންތައް ވެސް އެ އާކައިވްގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.