ހުޅަނގު މޫސުމާ ގުޅިގެން އުދައަރަމުންދަތީ އެކަމަށް ރައްކާތެރި ވުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެގޮތަށް އަންގާފައިވާ އިރު، ރެއާއި މިއަދު ވެސް ވަނީ މާލެއަށް އުދައަރާފަ އެވެ. އެ ސެންޓަރުން ބުނީ މިހާރު ރާއްޖޭގެ ސަރަހައްދުގައި ބާނި ހުރީ އާންމުކޮށް ހުންނަ ވަރަށް ވުރެ އުސްކޮށް ކަމަށެވެ. އަދި މިއަދު ވެސް މިރޭ ވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ސެންޓަރުން ބުނީ އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަންނަ ކަމުގައިވާނަމަ ގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރަން ވެލިބަސްތާ ފަދަ އެއްޗެހި ބޭނުން ކުރުމަށެވެ. އަދި ހިފާގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލު ކުރަން ވަނި އިރުޝާދު ދީފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު މެންދުރު 12:49 އަކާއި މިރޭ 12:43 ހާއިރު ކަމަށެވެ. އަދި އައްޑޫ ސިޓީ އަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 1:26 ހާއިރާއި މިރޭ 1:24 ހާއިރު ކަމަށެވެ.

ރޭ ވަނީ މާލެ އިރު އުތުރު ފަރާތައް އުދައަރައި ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެފަ އެވެ. ބޮޑަށް އުދައެރީ ކާނިވާ ސަރަހައްދާއި ހުޅުމާލޭ ޓާމިނަލް ސަރަހައްދަށެވެ. އެ ސަރަހައްދުތަކުގައި ހުރި ވެހިކަލްތަކަށާއި ރެސްޓޯރެންޓްތަކަށް ވެސް އޭގެ ގެއްލުންވި އެވެ.