ބިންމާ ސްޓޯރުގެ ދޮރަށް ގެއްލުންދީ އެ ފިހާރަތެރެއަށް ވަދެ ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު އަތުލައިގަނެ ވަގަށް ނަގާފައިވާ ފައިސާތައް ހޯދައިފި އެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ބިންމާ ސްޓޯރު ހިމެނޭ ސަރަޙައްދުން ރޭ ދަންވަރު 03:50 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބިންމާ ސްޓޯރުގެ ދޮރު މަތާލައި ފިހާރަ ތެރެއަށް ވަދެ 5،300 ރުފިޔާ އާއި ދިރާގު 50 ރުފިޔާގެ 14 ރިޗާޖް ވައުޗަރާއި ދިރާގް 100 ރުފިޔާގެ 10 ރިޗާޖް ވައުޗާރާއި އުރީދޫ 50 ރުފިޔާގެ 19 ރިޗާޖް ވައުޗަރާއި އުރީދޫ 100 ރުފިޔާގެ 12 ވައުޗަރު ވަގަށް ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ފިހާރައިން ބޮޑީ ސުޕްރޭ ފުޅިތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ބިންމާ ސްޓޯރުން ވަގަށް ނަގާފައިވާ 5،300 ރުފިޔާ ފެނިފައި ވަނީ އެ ދެ މީހުން ފުލުހުންގެ ބެލުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެ ދެ މީހުންގެ އަތުން ކަމަށެވެ.