13 Aug 2015, 11:37
ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފުކުރުމަށް ޓަކައި ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.
ރައީސް ނަޝީދުގެ ހުކުމް އިސްތިއުނާފުކޮށްފައިވާ އިރު، ޖަލު ހުކުމުގައި ބާކީ އޮތް މުއްދަތު ގޭބަންދުގައި ހުރެގެން ތަންފީޒުކުރާ ގޮތަށް ހަމަޖައްސައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރައްވައިފަ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާތީ އެވެ.