ޓޯކިޔޯ : ބާރުގަދަ ބިންހެލުމާއި ސުނާމީ ގެ ސަބަބުން ޖަޕާނަށް ލިބިފައިވާ އާދަޔާ ޚިލާފު ގެއްލުންތަކުގެ ސަބަބުން ޖަޕާނުގެ އިޤްތިސާދީ ކުރިއެރުމަށް ބުރޫއަރާފާނެ ކަމަށް އިޤްތިސާދީ މާހިރުން ވިދާޅުވެއްޖެއެވެ.
މިފަރާތްތަކާ ޙަވާލާދީ ފައިނޭންޝަލް ޓައިމްސް އާ ޙަވާލާދީ ދުނިޔޭގެ ނޫސްއެޖެންސީތައް ބުނިގޮތުގައި ޖަޕާނުގެ އިޤްތިސާދު މިހާރު ކުރިޔަށްދާ މިންވަރު ކަމަށްވާ 3.9 ޕަސެންޓަށްވުރެ ޖަޕާނުގެ އިޤްތިސާދީ ކުރިއެރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ދިޔުމުގެ ފުރްސަތު ބޮޑެވެ.

ބިންހެލުމުގެ ސަބަބުންނާއި ސުނާމީގެ ސަބަބުން ގެއްލުންތައް ލިބުނު ސަރަހައްދުތަކަކީ ޖަޕާނުގެ އިޤްތިސާދަށް މުހިއްމު ސަރަޙައްދުތަކެއް ނޫނެވެ. ބިންހެލުމުގެ ސަބަބުންނާއި ސުނާމީގެ ސަބަބުން އެންމެ ބޮޑު ގެއްލުންތައް ލިބުނު ޖަޕާނުގެ އިރު އުތުރުގެ ތުހޫކޫ ސަރަޙައްދު، ޖަޕާނުގެ އިޤްތިސާދުގައި ޙިއްސާ ކުރަނީ އެންމެ އަށް ޕަސެންޓެވެ.

ނަމަވެސް މިދުވަސްވަރަކީ 2007 ވަނައަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ކާރިޘާއިން ސަލާމަތްވުމަށްފަހު ޖަޕާނުގެ އިޤްތިސާދު އަލުން ރިކަވަރވެ ރަނގަޅުވާން ފެށި ދުވަސްވަރެވެ.
އެހެންކަމުން ކުރިޔަށްއޮތް ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި މިކަމުގެ އަސަރު ޖަޕާނުގެ އިޤްތިސާދަށް ކޮންމެވެސް ވަރަކަށް ކޮށް އިޤްތިސާދީ ދުވެއްޔަށް ބުރުލެއް އަރާފާނެ ކަމަށާ ނަމަވެސް އެއަށްފަހު މިގެއްލުންތައް ފުބައްދާލެވޭވަރުގެ ޤާބިލްކަން ޖަޕާނަށް ލިބިގެންދާނެ ކަމަށް އިޤްތިސާދީ ތަޖްރިބާކާރުންގެ ރިޕޯޓްތައް ބުނެއެވެ.

ޖަޕާނުގެ އިޤްތިސާދު ބިނާވެފައިވަނީ އެޤައުމުން އުފައްދާތަކެތި ގަންނަ މައި ބާޒާރުތައް ކަމަށްވާ އެމެރިކާ، ޗައިނާ، އަދި ޔޫރަޕްގެ ބާޒާރުތަކުގެ ޑިމާންޑްގެ މައްޗަށެވެ. ބިންހެލުމާއި ސުނާމީގެ ސަބަބުން ޖަޕާނުގެ ސިނާޢީ މަރުކަޒުތަކަށާއި ފެކްޓަރީތަކަށް ފާހަގަކުރެވޭވަރުގެ ގެއްލުމެއް ނުލިބެއެވެ. -- ނޫސްއެޖެންސީތައް