13 Aug 2015, 12:57
ކާބޯތަކެތީގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު މައުރަޒު، "ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް"ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރަކަށް ރަން މެޑަލް ލިބިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން"ގައި ރަން މެޑަލް ހޯދާފައިވަނީ ޔުނިވާސިޓީގެ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދަރިވަރެއް ކަމަށްވާ އާމިނަތު މައީޝާ އެވެ.
މައީޝާާ އެއްވަނަ ހޯދާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކުރިއަށްގެންދިޔަ "ޗިކަން- ހޮޓް ކުކިން"ގެ ކެޓަގަރީ އިންނެވެ.
ތިން ދުވަހަށް ކުރިއަށްދިޔަ އެ މައުރަޒުގެ އެކި ކެޓެގަރީތަކުގައި ޔުނިވާސިޓީގެ ދަރިވަރުން ބައިވެރިވެ ވަނީ ހަތަރު ބްރޮންޒް މެޑަލް ވެސް ހޯދައިފައެވެ. ބްރޮންޒް މެޑަލް ހޯދާފައިވަނީ ހަމަ އެ ފެކަލްޓީގެ ދަރިވަރުން ކަމަށްވާ މަރިޔަމް ޔަޝްފާ އާއި ޒާރާ އަބްދުލް އަޒީޒު އާއި އާއިޝަތު އުލްފާ އަދި އަހުމަދު މާހިދު މުހައްމަދެވެ.
އަންގާރަ ދުވަހު ކުރިއަށްދިޔަ އެ ޗެލެންޖުގައި ޔުނިވާސިޓީގެ ހޮސްޕިޓަލިޓީ ފެކަލްޓީ އިން ޖުމްލަ ނުވަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެ މައުރަޒުގައި 150 ފަރާތަކުން ބައިވެރިއެވެ. އަދި ރާއްޖެއާއި ބޭރު ގައުމުތައް ހިމެނޭގޮތަށް 450 ޝެފުން ބައިވެރިވެއެވެ. އެ މައުރަޒުގައި ބައިވެރިވުމަށް ދުނިޔޭގެ ޝެފުންގެ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ޑަބްލިއުއޭސީއެސް) ދެ ޑިރެކްޓަރުން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.