ލޯނު ސްކީމަށް އެޕްލައި ކުރާއިރު ކިޔަވަމުންދާ ޔުނިވަރސިޓީ ނުވަތަ ކޮލެޖް މެދުވެރިކޮށް ދަރިވަރުންގެ ކަމާބެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނާގޮތުން އަންނަ މަހު އެގޮތަށް އަމަލު ކުރަން ފަށާއިރު، ކަމާ ބެހޭ ލިޔުންތައް ހުށަހަޅަން ޖެހޭގޮތަށް ނިންމާފައިވަނީ މަތީ ތައުލީމުގެ ލޯނަށް ފައިސާ ދޫކުރުމުގައި ކަމާބެހޭ މައުލޫމާތުގެ ސައްޙަކަން އިތުރަށް ކަށަވަރުކުރުމަށްޓަކައެވެ.

އަލަށް ގެނައި ބަދަލާއެކު ލޯން ސްކީމްގެ ދަށުން ކިޔަވަންދާން ހުށަހަޅާ ފަރާތްތަކާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ލޯން އެހީގެ ފައިސާ ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން ( ޑީއެޗްއީ )އަށް ހުށަހަޅާ ލިޔެކިޔުންތައް އެދަރިވަރެއް އަމިއްލައަށް ފޮނުވުމުގެ ބަދަލުގައި ލިޔުންތައް ފޮނުވާނީ ދަރިވަރު ކިޔަވަމުންދާ ތަނަކުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދަރިވަރުން ޔުނިވާސިޓީ ނުވަތަ ކޮލެޖްގައި ކިޔަވަމުންދާކަމުގެ ލިޔުން ނުވަތަ ކިޔަވަމުންދާ ސެމިސްޓާގެ ނަތީޖާ ފަދަ ލިޔުންތައް އަންނަ މަހުން ފެށިގެން ހުށަހަޅަންވާނީ ކިޔަވަމުންދާ ޔުނިވަރސިޓީ ނުވަތަ ކޮލެޖު މެދުވެރިކޮށް ކަމަށެވެ.

ޑީއެޗްއީ ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ، ހަޔާ އެޑިޔުކޭޝަން ލޯންގެ ދަށުން ކޯހަށް ދައްކަންޖެހޭ ފައިސާ ދައްކަމުންދަނީ ކިޔަވަމުންދާ ކޯހުގެ މައުލޫމާތު ދަރިވަރު ހުށަހެޅުމުން އެ ލިޔެކިޔުންތަކަށް ބަލައިގެންކަމަށެވެ.

އެހެންނަމަވެސް ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަދަ ލިޔެކިޔުންތައް ބައެއް ކުދިން މިހާރުވެސް ހުށަހަޅަމުންދާކަމަށް އަޒްލީން ވިދާޅުވިއެވެ. މިބަދަލާއެކު ޔުނިވަރސިޓީން ދޫކުރާ ލިޔެކިޔުންތަކުގެ ސައްޙަކަން އިތުރަށް ކަށަވަރުކޮށް ދަރިވަރުންގެ ކިޔެވުން އިތުރަށް މޮނިޓާކުރެވިގެންދާނެކަމަށް ޑެޕިއުޓީ މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.