ނިއުދިއްލީ (އޮގަސްޓް 13) : އިންޑިއާގައި ވަގުވިޔަފާރިކޮށް އުޅޭ ގޭންގެއްގެ ބަޔަކު (10 މީހުން) ހަތަރު ސަތޭކަ އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ބެލެވޭ ތާރީޚީ މުސްހަފެއް ވިއްކާލަން އުޅެނިކޮށް އިންޑިއާ ފުލުހުން އެކަން ހުއްޓުވައި އަދި އެމީހުން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ފުލުހުން ބުނާ ގޮތުން މިއީ އިންޑިއާގެ އާޘާރީ ތަރިކައެކެވެ. އާޘާރީ ތަރިކަ ވިއްކުމަކީ އަދަބުދެވޭ ބޮޑު ކުށެކެވެ. އިންޑިއާގެ ކަމާ ބެހޭ ތަޖްރިބާކާރުން މި މުސްހަފް ބެއްލެވުމަށް ފަހު ވިދާޅުވެފައި ވަނީ މިއީ އިންޑިއާގައި މަޣޫލުން ވެރިކަން ކުރަމުން ގެންދިޔަ ދުވަސްވަރު (މޮގޮލް އެންޕެއަ) ތެރެއިން މީލާދީ ގޮތުން 17 ވަނަ ގަރުނުގައި ލިޔެފައިވާ މުސްޙަފެއްކަމުގަ އެވެ. ޚާއްސަކޮށް މަޣޫލުންގެ އެންޕެރަރު އަކްބަރު ރަސްގެފާނުގެ ވެރިކަމުގައި އޭނާގެ އަމުރުފުޅަށް ލިޔެތައްޔާރުކޮށްފައިވާ މުސްހަފެއްކަމަށް ބެލެވެ އެވެ.

އަކްބަރު ރަސްގެފާނު އިންޑިއާގައި ވެރިކަން ކުރައްވާފައި ވަނީ މީލާދީގޮތުން 1556 ވަނަ އަހަރުން ފެށިގެން 1605 ވަނަ އަހަރާ ހަމައަށެވެ. އިންޑިއާގެ ޕްރޮފެސަރެއްކަމަށްވާ އައްޝައިޚް އަލީ ވިދާޅުވި ގޮތުގައި މިއީ ތުރުކީގެ އިސްލާމީ ދާރުލްއާޘާރަކުން އޭނާ ދެކެވަޑައިގަތް މުސްހަފަކާ އެއްގޮތް މުސްހަފެކެވެ. މިއީ މަޣޫލުންގެ ދުވަސްވަރު ނެރެފައިވާ އެހެން މުސްހަފްތަކަށް ވުރެ ލިޔުން ރީތި މުސްހަފެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އިންޑިއާގެ ގޭންގް ގްރޫޕުން ވިއްކާލަން މަސައްކަތްކުރި މިމުސްހަފްގައި އެއީ ހިޖްރީގޮތުން 1050 ވަނަ އަހަރު ލިޔެފައިވާ މުސްހަފެއްކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ދިހަ މީހުންގެ އެގްރޫޕުން މުސްހަފް ވިއްކާލަން މަސައްކަތްކުރި 770 ޑޮލަރަށެވެ. މިމުސްހަފް ލިޔެފައި ވަނީ ރަނުން ގިރިޓީކޮށްފައިވާ ކަރުދާހުގައި ކަޅުއަކުރަކުންނެވެ. އަދި މުސްހަފްގެ ބޭރުގަނޑު ޒީނަތްތެރިކޮށްފައި ވަނީ ރަނާއި އަގުބޮޑު ޖަވާހިރުތަކުންނެވެ. މަޣޫލުންނަކީ އިންޑިއާގައި ވަރަށް ބާރުގަދަ އަދި މުއްސަނިދި ރަސްކަމެއް ކޮށްފައިވާ އަދި އެ ދުވަސްވަރަށް ބަލާއިރު މަސައްކަތްތެރިކަމުގެ އެކިފަންނުތައް ވެސް ވަރަށް ބޮޑަށް ކުރިއަރުވައި ތަރައްގީކޮށްފައިވާ ބައެކެވެ. (ބީބީސީ)